22 ޖުލައި 2017 - 22:39

ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ރައްޔިތުން މާލެ އަރައި، އަންނަ ހޯމަ ދުވަހު ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.
މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ މުޒާހަރާއަކީ ތިން ބާރު އެއްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބާއްވާ މުޒާހަރާއެއް ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ރައްޔިތުން އެ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރަށް އެމްޑީޕީ އޮފީސް ކައިރި އަށް އެއްވުމަށް މަހްލޫފް ގޮވާލެއްވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މުޒާހަރާ ކުރިއަށް ދާނީ ގާނޫނުގައި އޮންނަ ގޮތަށެވެ. އަދި މި މުޒާހަރާއަކީ ޣައިރު ގާނޫނީ އަމަލެއް ހިންގުމުގެ ބޭނުމުގައި ކުރާ މުޒާހަރާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މި މުޒާހަރާއަށް ތައްޔާރުވުމަށް ކުނޫޒުގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ޕާޓީތަކުން ވަނީ ނިންމައިފަ އެވެ.
"ސައްވީހުގައި ކުރާ ކަންކަމަކީ ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމަކަށް ވެއްޖެނަމަ، އެކަމަށް ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ފުލުހުންގެ އިސްވެރިން ވަނީ ދެއްވާފައި،" މަހްލޫފް ވިދާޅުވި އެވެ.
"އުންމީދު ކުރަނީ މިހާރު ވެސް އޮތް ގޮތަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށް އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާނެ ކަމަށް."
އެހެން ނަމަވެސް ފުލުހުން މިރޭ ބުނެފައި ވަނީ ސިޔާސީ އެއްވެސް އެއްވުމަކަށް އެއްވެސް ޕާޓީއަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވެސް އެއްވުމެއް ނުބޭއްވޭނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
މި މަސައްކަތް ކުރާއިރު، "އަޅައިގަނެ، ގާބުރިީގައި ޖެހޭނެ" ކަމަށާއި ހުރަސްތަކެއް ކުރިމަތިވިޔަސް، މަސައްކަތް ހުއްޓާނުލާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތީ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާ އަށް ރާއްޖޭގެ ރަށްރަށުން ވީހާ ވެސް ގިނަ ބަޔަކު މާލެ އަށް އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ގޮވާލައްވައިފަ އެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ގާއިމް ކުރުމަށް އެ މުޒާހަރާގައި ބައިވެރިވުން މުހިންމެވެ.