ގަތަރު މީހުން ހައްޖަށް ދިއުމުގައި ހުރަހެއް ނެތް
ގަތަރު މީހުން ހައްޖަށް ދިއުމުގައި ހުރަހެއް ނެތް

ރިޔާޒް (ޖުލައި 22) - ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައިވީ ނަމަވެސް އެ ގައުމުން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުންނަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ސައުދީ ހައްޖު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގަތަރު މީހުން ވަނީ އިލެކްޓްރޯނިކަލީ ހައްޖަށް ރަޖިސްޓްރީކޮށްފައި ކަމަށާއި އެހެންވެ ހައްޖަށް ދާން ބޭނުންވާ ގަތަރު މީހުންނަށް ހުއްދަ ދޭނެ ކަމަށެވެ. އެކަމަކު ގަތަރު މީހުން ވައިގެ މަގުން ސައުދީ އަށް ދެވޭނީ އެ ގައުމުން ހުއްދަކޮށްފައިވާ މަތިންދާ ބޯޓު ފަހަރުގަ އެވެ. އޭގެ އިތުރުން ގަތަރު މީހުންނަށް ޖެހޭނީ ޖިއްދާ އާއި މަދީނާ އިން އޮން އެރައިވަލް ވިސާ ހޯދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ. ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން ގަތަރު އެއާވޭސް ސައުދީ އަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.

ސައުދީ އަރަބިއާ އާއި ޔޫއޭއީ، ބަހުރޭން އަދި މިސްރުން އިސްވެ ގަތަރާ ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެ އެވެ. ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވަނީ އެއްގަމާއި ވައިގެ ސަރަހައްދު ގަތަރަށް ބަންދުކޮށް ވިޔަފާރީގެ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ މެދުއިރުމަތީގެ ކުޑަ ގައުމުގެ 2.7 މިލިއަން މީހުންގެ އަސާސީ ގިނަ ތަކެއްޗަކީ ބޭރުން އިމްޕޯޓް ކުރާ އެއްޗިއްސެވެ. ގަލްފުގެ ބައެއް ގައުމުތަކުން ގުޅުން ކަނޑާލުމުން ގަތަރަށް ގިނަ ތަކެތި މިހާރު އެތެރެ ކުރަނީ އީރާާނާއި ތުރުކީންނެވެ.