އިންޑިއާގެ ރޭލްތަކުން ދޭ ކާ އެއްޗެހި ކާން ހެޔޮނުވާނެ
އިންޑިއާގެ ރޭލްތަކުން ދޭ ކާ އެއްޗެހި ކާން ހެޔޮނުވާނެ

ނިއު ދިއްލީ (ޖުލައި 22) - އިންޑިއާގެ ރޭލްތަކާއި ރޭލްވޭ ސްޓޭޝަންތަކުން ދޭ ކާއެއްޗިއްސަކީ އިންސާނުން ކާން ހެޔޮވާވަރުގެ އެއްޗެހި ނޫން ކަމަށް ރަސްމީ ރިޕޯޓެއްގައި ބުނެފި އެވެ.

އިންޑިއާގެ ރޭލްތަކުން ދޭ ކާ އެއްޗެހި ކާން ހެޔޮނުވާނެ
އިންޑިއާގެ ރޭލްތަކުން ދޭ ކާ އެއްޗެހި ކާން ހެޔޮނުވާނެ

އަހަރަކު އެއްފަހަރު ނެރޭ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 80 ރޭލާއި 74 ރޭލް ސްޓޭޝަން ޗެކްކުރި އިރު ކާންދޭ އެއްޗެހި ވަރަށް ބޮޑަށް ނުސާފުވެފައިވާ ކަމަށެވެ. އަދި ޕެކެޓާއި ލުއި ބުންތަކާއި ބަންދުކޮށްފައިވާ އައިޓަމްތަކުގެ މުއްދަތު ހަމަވެފައި ހުންނަ ކަމަށް ވެސް ބުނެފައިވެ އެވެ. ކާނާ ބަހައްޓާފައި ހުންނަނީ ހާމައަށް ކަމަށާއި އެހެން ކަމުން ކާތަކެތީގައި މެހި ޖައްސާ، މީދަލާއި ކުރަފި އަރާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ ރޭލާއި ރޭލްވޭ ސްޓޭޝަންތަކުގެ ކޭޓާރިން ޔުނިޓުގެ ސާފުތާހިރުކަން ނުބެލެހެއްޓޭ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޭލްވޭ ނެޓްވޯކް އޮންނަނީ އިންޑިއާގަ އެވެ. ދުވާލަކު 23 މިލިއަން މީހުން އިންޑިއާގެ ރޭލްތަކުގައި ދަތުރު ކުރެ އެވެ. އިނގިރޭސިންގެ އިސްތިއުމާރީ ދުވަސްވަރުގެ މި ނިޒާމަކީ އިންޑިއާގެ ޕަބްލިކް ޓްރާންސްޕޯޓުގެ މައިބަދަ އެވެ. އެކަމަކު އިންޑިއާގެ ރޭލްވޭގެ ކޭޓަރިން ޚިދުމަތަށް ޕަސިންޖަރުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެވެ. އެހެންވެ އިންޑިއާގެ ރޭލްވޭ އިން ފެބްރުއަރީ މަހު ވަނީ ކޭޓާރިންގެ އާ ސިޔާސަތެއް އިއުލާންކޮށްފަ އެވެ.

އިންޑިއާގެ ރޭލްވޭ މިނިސްޓަރު ފުލުފުލާ އިއްޔެ ކުރެއްވި ޓްވީޓްތަކުގައި ވަނީ ފެބްރުއަރީ މަހު އިއުލާންކުރި ކޭޓަރިންގެ އާ ސިޔާސަތުގެ ސަބަބުން ޕަސިންޖަރުންނަށް ފެންވަރު ރަނގަޅު ކާބޯތަކެތި ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.