ފާރިސް ދޫނިދުއަށް ގެންގޮސްފި
ފާރިސް ދޫނިދުއަށް ގެންގޮސްފި

ރިޝްވަތުގެ ތުހުމަތުގައި މާފުށީ ޖަލުގައި ތަހުގީގަށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން އަދި ދިިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު ފާރިސް މައުމޫން ދޫނިދު އަށް މިއަދު ގެންގޮސްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ފާރިސް ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އެ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ދޫނިދޫ ޖަލުގައި ބެހެއްޓުމަށްފަހު ފާރިސް ވަނީ މިިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. އަނެއްކާ ވެސް އަލުން ދޫނިދޫ ޖަލަށް ބަދަލުކުރީ ކަމެއް ނުވަތަ ތަހުގީގަށް ސުވާލުކުރަން ގެންދިޔައީކަމެއް އަދި ސާފެއް ނުވެ އެވެ.

ފާރިސްގެ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ ދޫނިދޫގައި ކަމަށެވެ. ވަކީލުން ބައްދަލުކުރުމުގެ ފުރުސަތަށް އެދުމުން އެކަމަށް ދެކޮޅު ހެއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު ވަނީ ހަވީރު 4:00-6:00 އަށް ފާރިސްގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުުރުސަތު ދީފަ އެވެ.

ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ބޭނުންވާ ސޮއި ހޯދުމަށްޓަކައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.