މަޝްވަރާ އަށް ގަތަރުގެ އަމީރު ގޮވާލައްވައިފި
މަޝްވަރާ އަށް ގަތަރުގެ އަމީރު ގޮވާލައްވައިފި

ދޯހާ (ޖުލައި 22) - ގަލްފުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ގޮވާލައްވައިފި އެވެ.

ގަތަރު މައްސަލަ އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އާއްމުންނަށް ދެއްވި މެސެޖުގައި ވަނީ މައްސަލަ އަށް ކޮންމެ ހައްލެއް ހޯދި ނަމަވެސް ގަތަރުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ގައުމީ ޓީވީ މެދުވެރިކޮށް އަމީރު ދެއްވި ބަޔާނުގައި ވަނީ އެ ގައުމާ ދެކޮޅަށް އެޅި ފިޔަވަޅުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ގަތަރުގެ ރައްޔިތުންގެ ކެތްތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. މައްސަލަ ހައްލު ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކުވޭތަށް ވެސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"ގަތަރުގެ މިނިވަންކަމަށް އިހްތިރާމް ކުރާ ގޮތަށް ބާއްވާ ކޮންމެ މަޝްވަރާއަކަށް ތައްޔާރު،" ޝެއިޚް ތަމީމް ވިދާޅުވި އެވެ.

ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީ އަރަބިއާ، ޔޫއޭއީ، ބަހުރޭން އަދި މިސްރުން އިސްވެ ސިޔާސީ ގުޅުން ކަނޑާލީ ޖޫން މަހު އެވެ. ގަތަރަށް އެޅި ފިޔަވަޅުތަކާ ގުޅިގެން އެ ގައުމުގެ 2.7 މިލިއަން މީހުންނަށް ވަނީ ތަފާތު ދަތިތަކާ ކުރިމަތިވެފަ އެވެ.

ގަތަރަށް އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށް ސައުދީ އަރަބިއާ އިން ކުރިން ކުރިމަތިކުރި 13 ޝަރުތު އުވާލުމަށް ފަހު މިހާރު ވަނީ ގައިގަނޑު ހަ ކަމެއް ހުށަހަޅައިފަ އެވެ. އެންމެ ފަހުގެ ހުށަހެޅުމަށް ގަތަރުން ވަކި ޖަވާބެއް އަދި ދީފައެއް ނުވެ އެވެ.

ޔޫއޭއީގެ އިންޓަނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރު ރީމް އަލް ހާޝިމީ ވިދާޅުވީ ބޯޅަ މިހާރު އޮތީ ގަތަރު ކޯޓުގައި ކަމަށެވެ.