ޖަބް ހެރީ މެޓް ސޭޖަލް ވަރަށް ރޮމެންޓިކް
ޖަބް ހެރީ މެޓް ސޭޖަލް ވަރަށް ރޮމެންޓިކް

ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާގެ އާ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް"ގެ ޓްރެއިލާ ލޯންޗުކޮށްފައި ވާއިރު މިއީ ރޮމެންޓިކް ފިލްމުތައް ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.

މިއީ ހަރިންދުރަ ސިންގް ނެހްރާ ކިޔާ މީހެއްގެ ވާހަކަ އެވެ. އާއިލާގެ ކިބައިން ސަލާމަތްވެގެން އޭނާ ޔޫރަޕަށް ދެ އެވެ. އަދި އެތަނުގައި ޓުއާ ގައިޑެއްގެ ވަޒީފާ އަދާކުރަން ފަށަ އެވެ.

ސޭޖަލް އާއި ހަރީ ބައްދަލުވަނީ އެތަނުންނެވެ. ސޭޖަލް (އަނުޝްކާ) އޭރު އުޅެނީ ކައިވެނި ކުރަން އެންގޭޖްވެފައިވާ މީހާ ދިން އަނގޮޓި ވީތަނެއް ނޭނގިގެން އެ އަނގޮޓި ހޯދުމުގަ އެވެ. ވަރަށް ތަފާތު ދެ މާހައުލަކުން އައިސް ބައްދަލުވާ ވަރަށް ތަފާތު ދެ މީހަކަށް ލޯބި ވެވޭ ގޮތް އެއީ މި ފިލްމު ގިނަ ބަޔަކަށް އެންމެ ޝައުގުވެރިވާނެ ކަންތައްތައް ކަމަށްވެ އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރަން ހަަމަޖެހިފައިވާ މި ފިލްމަކީ "ޖަބް ވީ މެޓް" ކަހަލަ ރީތި ފިލްމުތައް އުފައްދާފައިވާ ކުޅަދާނަ ޑައިރެކްޓަރު އިމްތިޔާޒު އަލީ އުފައްދާފައިވާ ފިލްމެެކެވެ.

ފިލްމަށް ސެންސަރު ބޯޑުން ދީފައިވަނީ ޔޫ/އޭ ސެޓްފިކެޓެކެވެ. އަދި ކުރިން ކަނޑާލަން ބުނި ޑައިލޯގްގެ ތަންކޮޅެއް ކަނޑާ ނުލައި ވެސް ފާސް ކޮށްދިން ކަމަށް ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅޭ މީހުން ބުންޏެވެ.