22 ޖުލައި 2017 - 09:01

ލަންޑަން (ޖުލައި 22) - ޑިއޭގޯ ކޮސްޓާއާ މެދު ނުވިސްނާ ކަމަށާއި ރެކޯޑް އަގަކަށް އަލަށް ޗެލްސީއާ ގުޅުނު ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ތަފާތު ދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ކޮންޓޭ ޗެލްސީއާ ހަވާލުވެ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީ ކޮސްޓާ އެވެ. މިިދިޔަ ސީޒަނަށް ފަހު ކޮންޓޭ ވަނީ މި އަހަރަށް އޭނާ ކަނޑައަޅާ ޕްލޭނުގައި ކޮސްޓާ ނުހިމެނޭ ކަމަށް ބުނެ އޭނާ އަށް މެސެޖަކުން އަންގައިފަ އެވެ.
ކޮންޓޭ ބުނީ ކޮސްޓާ ދޫކޮށްލަން އޭނާ މިދިޔަ ޖެނުއަރީ މަހު ނިންމާފައިވާ ކަމަށެވެ.
"ކްލަބްގައި މަޑުނުކުރާ ކުޅުންތެރިންގެ ވާހަކަ ދައްކަން އަހަރެން ނެތިން. އެކަމަކު ކޮސްޓާ މައްސަލައިގައި އެއްޗެއް ބުނަން އެބަޖެހޭ. މިދިޔަ ޖެނުއަރީ މަހުގައި އަހަރެން ނިންމައިފިން ކޮސްޓާ އަށް މި ފަހަރުގެ ސީޒަނުގައި ފުރުސަތު ނުދޭން. އެއީ ހުރިހާ ގޮތަކުން ކްލަބަށް ވިސްނާފައި،" ކޮންޓޭ ބުންޏެވެ.
ޗެލްސީ ދޫކޮށް ކޮސްޓާ ގުޅޭނެ ކަމަށް ބެލެވެނީ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑާ އެވެ. އެ ޓީމަށް އޭނާ ސޮއިކުރި ނަމަވެސް އެންމެ އަވަހަށް މެޗެއް ކުޅެވޭނީ އަންނަ ޖެނުއަރީ މަހުގަ އެވެ. އެއީ ފީފާ އިން އެ ޓީމަށް ދީފައިވާ ޓްރާންސްފާ އަދަބު ހަމަވުމުންނެވެ.
ކޮންޓޭ ބުނީ މޮރާޓާ އަކީ އޭނާ އަށް ކުރިން ވެސް އެނގޭ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ފުރަތަމަ ޓާގެޓަކީ ވެސް އޭނާ ކަމަށެވެ.
"ތެދެއް. ޗެލްސީން ވަރަށް ގިނަ ފޯވަޑުންނާ ވާހަކަ ދެއްކި. އެކަމަކު އަހަރެންގެ ވިސްނުމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހުރީ މޮރާޓާ. އެއީ ޗެލްސީ ކަހަލަ ހައިބަތު ބޮޑު ޓީމެއްގެ ޒިންމާ ނެގޭނެ ފެންވަރު މޮރާޓާގެ އެބަހުރި. އެ ތަފާތު އޭނާ ދައްކާނެ،" ކޮންޓޭ ބުންޏެވެ.
މޮރާޓާ ޗެލްސީ އަށް ބަދަލުވީ 70 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ވަނީ އެ ކްލަބާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޗެލްސީ އަށް ބަދަލުވުމަށް ފަހު މިއަދުގެ ވަގުތެއްގައި މޮރާޓާ އެ ޓީމުގެ ކުޅުންތެރިންނާއި ޕްރީ ސީޒަން ޓުއާ ތެރެއިން ގުޅޭނެ އެވެ.
މޮރާޓާ ބުނީ މެޑްރިޑުން ބަދަލުވުމަށް ފަހު އޭނާގެ ވިސްނުން ހުރީ އާ ފެށުމަކާ އެކު ކުރިއަށް ދިއުން ކަމަށާއި ޗެލްސީއާ އެކު ކާމިޔާބު ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.