26 ޖޫން 2016 - 08:05

ސަލްމާން ޚާން ކައިވެނި ކުރަނީ ކޮން އިރަކުންތޯ އަބަދުވެސް މީހުން ސުވާލުކުރެ އެވެ. ނޫސްވެރިން ވެސް އެވަރަށް އޭނާއާ މި ސުވާލު ކުރެ އެވެ.
މިފަހަރު އޭނާއަށް މި ސުވާލު ހުށަހެޅީ "ސުލްތާން"ގެ ޕްރޮމޯޝަނަށް ޒީ-ޓީވީގެ ސިގިން ރިއަލިޓީ ޝޯ "ސާރެގާމާޕާ"ގައި އޭނާ ބައިވެރިވުމުން އެ ޝޯގައި ވާދަކުރާ ލަވަކިޔުންތެރިއެއް ކަމަށްވާ ޖަގްޕްރީތު ބާޖްވާ އެވެ. ޖަގްޕްރީތު އެދުނީ ހަޔާތުގެ ބައިވެރިޔަކު ހޯދާނެ ގޮތުގެ ލަވައެއް ދިނުމަށެވެ.
ޖަގްޕްރީތަށް ޖަވާބުދެމުން ސަލްމާން ބުނީ އޭނާ އެ ސުވާލު އެ އަމާޒުކުރީ ރަނގަޅު މީހަކަށް ނޫން ކަމަށާއި ކައިވެނީގެ މައްސަލައިގައި އޭނާ އަކީ އަބަދުވެސް ވަރަށް ބަދު ނަސީބު މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ އެ މައްސަލައާ މެދު މީހުންނަށް ހީވަނީ މުޅިން ގޯސްކޮށް ކަމަށް ބުންޏެވެ.
"އަހަރެން އަބަދުވެސް ހުންނަނީ ކައިވެނި ކުރާހިތުން "މަރު" ދޭވަރުވެފަ. ނަމަވެސް އަނެއްކޮޅުން އަނބިމީހާއަށް ވާން ހުންނަ މީހާ އެއްބަސްނުވާތީ އިންތިޒާރުކުރަން ޖެހެނީ. ކައިވެންޏެއް ކުރެވޭނީ އަންހެން މީހާ އެގޮތަށް ނިންމުމުން. ފިރިހެނުން އެކަމާ ކުރެވޭނެ ކަމެއް ނޯވޭ،" ސަލްމާން ބުންޏެވެ.
ސަލްމާން މިހެން ބުނުމާއެކު މި ޝޯގެ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރާ ލަވަކިޔުންތެރިޔާ މިކާ ސިންގް ބުނީ އޭނާ އަކީ ސަލްމާންގެ އެންމެ ބޮޑު އެއް ފޭން ކަމަށާއި އޭނާ ކަންތައް ކުރާނީ ސަލްމާން ކަންތައްކުރާ ގޮތަށް ކަމަށެވެ. އަދި ސަލްމާން ކޮންމެ އިރަކުން ކައިވެނި ކުރިޔަސް ހަމަ އެ އަހަރަކު އޭނާވެސް ކައިވެނި ކުރާނެ ކަމަށް މިކާ ބުންޏެވެ.
މިކާގެ އިތުރުން މި ޝޯގައި ބައިވެރިވަނީ މިއުޒިކް ޑައިރެކްޓަރު ޕްރީތަމް އާއި މިއުޒިކް ކޮމްޕޯޒަރުން ކަމަށްވާ ސާޖިދު-ވާޖިދު އެވެ.
ސަލްމާން ބައިވެރިވާ "ސާރެގާމާޕާ"ގެ ޚާއްސަ އެޕިސޯޑް ދައްކާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.