23 ޖުލައި 2017 - 06:25

އަކްޝޭ ކުމާރާއި ބޫމީ ޕެޑްނޭކަރު ކުޅެފައިވާ "ޓޮއިލެޓް - އޭކް ޕްރޭމް ކަތާ" ރިލީޒް ނުކުރަނީސް އޮންލައިންގައި ލީކުވެ އަކްޝޭ މާޔޫސް ވެއްޖެ އެވެ.
މި ފިލްމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބި އަދި ބޮޑު ތަރުހީބެއް ދެމުން އަންނަ ފިލްމެއް ނަމަވެސް ފިލްމަށް މިފަހަރު ދިމާވި ގޮތުން އަކްޝޭ ވަނީ ހަދާނެ ގޮތް ހުސްވެފަ އެވެ.
ފިލްމު ލީކުވިކަން އެނގުނީ މަޝްހޫރު ޑައިރެކްޓަރު/ކޯރިއޮގްރާފަރު ރޭމޯ ޑިސޫޒާ އަށް މި ފިލްމުގެ ކޮޕީއެއް ލިބުމުން އޭނާ އެކަން އަކްޝޭ އާއި ފިލްމު ކުރޫގެ ސަމާލުކަމަށް ގެނައުމުންނެވެ. އޭގެ ފަހުން އަކްޝޭ ކުރި ޓުވީޓެއްގައި ލީކުވެގެން އުޅޭ ވާޝަން ނުބަލާ ސިނަމާތަކަށް ގޮސް ފިލްމު ބެލުމަށް އެންމެންގެ ކިބައިން އެދިފައިވެ އެވެ. އަދި ފަހުން ފިލްމުގެ ޕްރޮޑިއުސަރު ވެސް ވަނީ ފިލްމު ޑައުންލޯޑްކޮށްގެން ނުބެލުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ކްރައިމް ބްރާންޗުން އެކަމާ މެދު ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ވެސް އަކްޝޭ ބުންޏެވެ.
އިންޑިއަން އެކްސްޕްރެސްއާ ވާހަކަ ދައްކަމުން ރޭމޯ ބުނީ އޭނާއާ ބައްދަލުވި މީހަކު، އޭނާގެ އަތުގައި އޮތް ޕެން ޑްރައިވެއްގައި "ޓޮއިލެޓް - އޭކް ޕްރޭމް ކަތާ" އެބައޮތް ކަމަށް ބުނެފައިވެ އެވެ. އެންމެ ކުރިން ރޭމޯ އެމީހާގެ ވާހަކައެއް ގަބޫލެއް ނުކުރި އެވެ. އެހެންވެ އެމީހާ އަތުން އެ ހޯދައިގެން ބަލައި ޔަގީންކުރީ އެވެ. އަދި އޭނާ ވަގުތުން ޕްރޮޑިއުސަރަށް ގުޅުން ފިލްމުގެ ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގް އެ ޕެން ޑްރައިވް ގެންދިޔައީ ކަމަށް ރޭމޯ ބުންޏެވެ.
މިހާރު ޕްރޮޑިއުސަރުން އަންނަނީ މިކަން ކުރި ބަޔަކު ހޯދައި އެމީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންނެވެ.
"ޓޮއިލެޓް އޭކް ޕްރޭމް ކަތާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.