22 ޖުލައި 2017 - 09:08

ލަންޑަން (ޖުލައި 22) - ލިވަޕޫލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓިނިއޯ ނުވިއްކާނެ ކަމަށާއި އޭނާ ގަންނަން ކްލަބްތަކުން ބިޑްކުރާނަމަ އެ ކުރެވެނީ ބޭކާރު މަސައްކަތެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ކޯޓިނިއޯ ގަންނަން ޕީއެސްޖީ އާއި ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ލިވަޕޫލުން ވަނީ ދާދި ފަހުން ބާސެލޯނާ އިން ކޯޓީނިއޯ ގަންނަން ހުށަހެޅި 72 މިލިއަން ޕައުންޑުގެ ބިޑަށް ނޫނެކޭ ބުނެފަ އެވެ.
ކްލޮޕް ބުނީ ކޯޓިނިއޯ އަކީ ލިވަޕޫލްގެ މުހިއްމު ކުޅުންތެރިއެއް ކަަމަށާއި ޓީމުގެ ތަރިން ވިއްކައިގެން އޭނާ އަށް ބޭނުންވާ ކާމިޔާބީ ހާސިލްނުވާނެ ކަމަށެވެ.
"ކޯޓިނިއޯ އާ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސީޒަނުގައި. އޭނާ ހޯދަން ކްލަބްތަކުން ޝައުގުވެރިކަން ހުންނާނެކަން އެނގޭ. އެކަމަކު އަހަރެންގެ މެސެޖަކީ ކިތަންމެ ބޮޑު އަގެއް ހުށަހެޅި ނަމަވެސް ކޯޓީނިއޯ ނުވިއްކާނަން. ކޯޓިނިއޯ ހޯދަން ކްލަބަކުން މަސައްކަތް ކުރާނަމަ އެ ކުރެވެނީ ބޭކާރު މަސައްކަތެއް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ތިން ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ޗެލްސީގެ ޒުވާން ފޯވާޑް ޑޮމިނިކް ސޮލާންކޭ އާއި ރޯމާގެ ހަލުވި ވިންގް މުހައްމަދު ސަލާ އަދި ހަލް ސިޓީ އަށް ކުޅޭ ސްކޮޓްލެންޑްގެ ގައުމީ ޓީމުގެ ވާތު ބެކް އެންޑްރިއު ރޮބަޓްސަން އެވެ.
މީގެ އިތުރުން ސައުތެމްޓަނަށް ކުޅޭ ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި އާރްބީ ލިޕްޒިގަށް ކުޅޭ ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އަށް ލިވަޕޫލުން އަންނަނީ ފާރަލަމުންނެވެ. މި ދެ ކުޅުންތެރިން ވެސް ލިވަޕޫލާ ގުޅެން ބޭނުންވި ނަމަވެސް އެ ދެ ކްލަބުން އަންނަނީ ވިއްކަން ދެކޮޅު ހަދަމުންނެވެ.