21 ޖުލައި 2017 - 22:35

ވޮޝިންޓަން (ޖުލައި 21) - ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ އިސްތިއުފާ ދެއްވައިފި އެވެ.
ސްޕައިސާ އިސްތިއުފާ ދެއްވާފައި މިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކޮމިއުނިކޭޝަން ޓީމަށް ގެންނެވި ބަދަލާ މެދު ހިތްހަމަޖެހިވަޑައިނުގެން ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުންޏެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ޓްރަމްޕް ވަނީ ކެމްޕޭނަށް ފައިސާ ހޯދުމުގައި އިސްކޮށް އުޅުއްވި އެންތަނީ ސްކަރަމަޗީ ހަމަޖައްސަވައިފަ އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނީ އުމުރުފުޅުން 45 އަހަރުގެ ސްޕައިސާ ގަބޫލްކުރައްވާ ގޮތުގައި ސްކަރަމަޗީ އަށް މަގާމު ދިނުމަކީ ގޯހެކެވެ. ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސެވީ އެ މަގާމުގައި ކުރިން ހުންނެވި މައިކް ޑުބްކެ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ޕްރެސް ސެކްރެޓަރީގެ މަގާމާއި ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ފުރުއްވީ ސްޕައިސާ އެވެ.
ސްޕައިސާ އިސްތިއުފާ ދެއްވާފައި މިވަނީ އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ޓްރަމްޕުގެ ކެމްޕޭނު ޓީމުގެ އިސް ބޭފުޅުންގެ މައްޗަށް ތަހުގީގު ފަށާފައިވާ ދުވަސްވަރެއްގަ އެވެ.