21 ޖުލައި 2017 - 22:13

ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަކިކޮށް ބައި އިލެކްޝަނެއް ބާއްވަން ޖެހިފައިވަނިކޮށް، ކެމްޕޭންކުރަން ޕީޕީއެމްގެ ޓީމްތަކެއް އެކި އަތޮޅުތަކަށް ފުރައިފި އެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ހަ މެމްބަރަކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރުމުން ޕާޓީން ވަކިކުރުމާ ގުޅިގެން މަޖިލީހުގެ ެ ގޮނޑިތައް ވަނީ ހުސްވެފަ އެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ މަޖިލިސްގެ ބައެއް މެމްބަރުން ހަތަރު ގްރޫޕަކަށް ބަހާލައިގެން ކެމްޕޭނަށް ދިޔައީ މާލެ އަތޮޅު ތުލުސްދޫ ދާއިރާ އަށާއި ރ. މަޑުއްވަރީ ދާއިރާއަށާއި ހއ. ދިއްދޫ ދާއިރާ އަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަޑައިގެންފައިވާ ކަމަށެވެ. ނިހާން އާއްމުކުރެއްވި ފޮޓޯތަކުގައި އެ ދަތުރުގައި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވެސް ބައިވެރިވެވަޑައިގެންނެވި ތަން ފެނެ އެވެ.
ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މަޑުއްވަރީ ދާއިރާއަށް ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޑީއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ދިއްދޫ ދާއިރާއަށް ވަޑައިގެންނެވި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު އަދި ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ޕީޕީއެމްއިން ވަކިކުރުމުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނެވެ.