ކާމިޔާބީއަކީ ހިނދުކޮޅެއްގެ ކަމެއް: ޕްރިޔަަންކާ ޗޯޕްރާ
ކާމިޔާބީއަކީ ހިނދުކޮޅެއްގެ ކަމެއް: ޕްރިޔަަންކާ ޗޯޕްރާ

ޕްރިޔަންކާ ޗޯޕްރާ އަކީ މިހާރު ބޮލީވުޑެކޭ އެއްގޮތަށް ހޮލީވުޑްގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ބަތަލާ އެކެވެ. ބޮލީވުޑް ތަރިއެއްގެ އިތުރުން އިންޓަނޭޝަނަލް ސްޓާ އަކަށް ޕްރިޔަންކާއަށް ވެވުނީ އޭނާގެ ހުނަރާއި ކެރުމާއެކު ކުރި ބުރަ މަސައްކަތުންނެވެ.

ކެރިއަރުގެ އެންމެ އުހަށް ޕްރިޔަންކާ، 33، އަށް އެރިފައި ހުއްޓަސް މި ކާމިޔާބީ އަކީ އަބަދަށް ދެމިގެންދާނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ (އައިފާ) އެވޯޑުގައި ބައިވެރިވުމަށް މިހާރު ސްޕެއިންގެ މެޑްރިޑްގައި ހުރި ޕްރިޔަންކާ މަޝްހޫރު މަޖައްލާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ ކާމިޔާބީއަކީ އެހާ ފަސޭހައިން ލިބޭ އެއްޗެއް ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އެއްވެސް މީހަކު އެގޮތަށް ގަބޫލުކުރާކަށް ނުވާނެ ކަމަށާއި އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ކާމިޔާބީ ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

"އަހަންނަކީ ބުރަ މަސައްކަތުން ކަންކަން ހާސިލުކޮށްފައިވާ އެކްޓަރެއް. ގިނަ ކަންތައްތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީތައް ހޯދަން އަދިވެސް އަހަރެން މަސައްކަތްކުރަން. ޒުވާން ކުދިން ވަކި އެއް ކަމެއް ކުރުމުގައި އުމުރު ހޭދަކޮށްލުމުގެ ބަދަލުގައި އެހެން ފުރުސަތުތައް ވެސް ތަނަވަސްވޭތޯ މަސައްކަތްކުރަން ޖެހޭނެ،" ޕްރިޔަންކާ ބުނެފައިވެ އެވެ.