21 ޖުލައި 2017 - 17:52

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ބޭއްވި އެއްވުމެއްގެ ތެރެއިން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ހައްޔަރު ކޮށްފި އެވެ.

އާޒިމް ހައްޔަރުކޮށްފައި ވަނީ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ބޭއްވި "ހަވީރު ސައި"ގެ ހަރަކާތަށް އެއްވި މީހުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ސަބަބެއް މުޅިން ސާފުވާ ގޮތެއްނުވި އެވެ.

އަލީ ޒާހިރު ވެސް ހައްޔަރުކުރީ އެތަނުގައި އެއްވި ތިބި މީހުންނާ މުހާތަބުކޮށް ވާހަކަދައްކާ ނިމުނުތަނާ އިރުކޮޅެއް ފަހުންނެވެ. އެތަނުގައި މީހުން އެއްވެ ތިއްބާ ފުލުހުން އެ ތަނަށް ގޮސް އެ ތަނުގައި ތިބި މީހުންގެ މޫނަށް ޕެޕާ ސްރޭ ޖަހައި، ހަރުގެ ތެރެ އަށް ވަދެ ބައެއް މީހުން ހައްޔަރު ކުރި އެވެ.
އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުން އާޒިމް ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އާޒިމާއި އަލީ ޒާހިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ހަރުގެ ތެރެއަށް ފުލުހުން ވަދެ މީހުން ހައްޔަރުކުރި އިރު އެ ޕާޓީގެ ބައެއް މަގާމުތަކަށް މީހުން އިންތިހާބުކުރުމުގެ ވޯޓުލުން އެތަނުގައި ކުރިޔަށް ދިޔަ އެވެ.