އިންޑިއާގެ އާ ރައީސް: ގިނަ ބަޔަކު ދަންނަ ނަމެއް ނޫން
އިންޑިއާގެ އާ ރައީސް: ގިނަ ބަޔަކު ދަންނަ ނަމެއް ނޫން

ނިއު ދިއްލީ (ޖުލައި 21) - އިންޑިއާގެ އާ ރައީސްގެ މަގާމަށް އުތުރުގެ ބިހާރު ސްޓޭޓުގެ ކުރީގެ ގަވަރުނަރު ރާމް ނާތު ކޮވިންދު ނޮމިނޭޓް ކުރިއިރު އެއީ އެހާ ގިނަ ބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. ހިންދޫންގެ ދަލަތު ދަރިކޮޅަށް ނިސްބަތްވި ނަމަވެސް އެ މީހުންގެ ހައްގުގައި ވެސް އެއްވެސް މަސައްކަތެއް ކުރައްވައިފައެއް ނުވެ އެވެ. ދަލިތަކީ ހިންދޫންގެ އެންމެ ދަށު ގިންތި އެވެ.

އިންޑިއާގެ އާ ރައީސް: ގިނަ ބަޔަކު ދަންނަ ނަމެއް ނޫން
އިންޑިއާގެ އާ ރައީސް: ގިނަ ބަޔަކު ދަންނަ ނަމެއް ނޫން

ބީބީސީ ހިންދޫގެ ވިނީތު ކާރީ ބުނީ ދަލިތު ދަރިކޮޅުގެ ޚަބަރުތައް އޭނާ ލިޔާތާ 27 އަހަރުވެއްޖެ ކަމަށާއި ރައީސްކަމުގެ މަގާމަށް އިންތިޚާބު ކުރި ކޮވިންދު ނުދަންނަ ކަމަށެވެ.

ރައީސްގެ މަގާމަށް ބީޖޭޕީން ކޮވިންދުގެ ނަން ނޮމިޓް ކުރުމުން މީޑިއާ އަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. ކޮވިންދުގެ ކެންޑިޑެސީ އިއުލާންކުރިތާ 24 ގަޑިއިރު ތެރޭ އެ ނަން ވަނީ ގޫގްލް އިން 500،000 ފަހަަރު ސާޗުކޮށްފަ އެވެ.

ދަލިތު ދަރިކޮޅުގެ އެކްޓިވިސްޓެއް ކަމަށްވާ ޗަންދުރަބަން ޕްރަސާދު ބުނީ ދަލިތު ދަރިކޮޅު މީހުންގެ ހައްގުގައި އޭނާ ސެމިނާތަކަށް ގޮސް، ޓީވީ ބަހުސްތަކަށް އަރާ، ނޫސްތަކަށް ލިޔެ ހެދި އިރު ވެސް ކޮވިންދު ނުދަންނަ ކަމަށެވެ.

ބީޖޭޕީގެ ތަރުޖަމާން ސޮންކަރު ޝާސްތުރީ ވިދާޅުވީ ކޮވިންދުގެ ފަސް އަހަރުގެ ރިޔާސީ ދައުރުގައި ދަލިތު ދަރިކޮޅުގެ މީހުންގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަމަކު އިންޑިއާގެ ރައީސަކީ ރަމްޒީ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. ސަރުކާރު ހިންގާނީ ބޮޑު ވަޒީރެވެ.

އާ ރައީސްގެ މަގާމާ ކޮވިންދު ހަވާލުވެވަޑައިގަންނަވާނީ މި މަހު 24 ވަނަ ދުވަހު އެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ޕްރަނާބު މުކަރުޖީގެ ފަސް އަހަރު ދުވަހުގެ ޓާމް އެ ދުވަހަށް ހަމަވާނެ އެވެ.