21 ޖުލައި 2017 - 19:30

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން 2008 ގައި އެމަނިކުފާނު ތަސްދީގުކުރެއްވި ގާނޫނުއަސާސީ މިހާރު އުވިފައި ވަނީ ކަމަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން ބަލަނީތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ކުރެއްވި ދެ ޓުވީޓްގައި މައުމޫންގެ ސުވާލު އަމާޒުކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކޮންޓްރޯލްކުރައްވާ ޕީޕީއެމްގެ ފެކްޝަނާއި ރައްޔިތުންގެ މަޖިލިހާއި އިލެކްޝަންސް ކޮމިޝަނަށެވެ.
ޕީޕީއެމްގެ ބަދަލުގައި އެމަނިކުފާނު ބޭނުންކުރެއްވީ "ޑީޕީޕީއެމް" އެވެ. "ޑީ" އަކީ، ބެލެވޭ ގޮތުގައި، ޕީޕީއެމްގެ ރަމްޒީ މަގާމެއް ކަމަށްވާ މުސްތަޝާރުކަމުގައި ހުންނެވި ރައީސް ޔާމީންގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ގިނަ ހަރަކާތްތަކެއް ދަރުބާރުގޭގައި ކުރިއަށް ގެންދާތީ ދަރުބާރުގެ ނަން ކުރުކޮށް ވިދާޅުވުމެވެ.
މައުމޫންގެ އަރިސް ބޭފުޅުންނާއި އިދިކޮޅު ބައެއް ފަރާތްތަކުން ޕީޕީއެމްގެ އެ ފެކްޝަނަށް މުޚާތަބުކުރަނީ ވެސް ޕީޕީއެމްގެ ދަރުބާރު ފެކްޝަންގެ ގޮތުގަ އެވެ.
"މިހާރުގެ ފެހި ގާނޫނު އަސާސީ 2008 ވަނަ އަހަރު ތަސްދީގުކުރީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަޅުގަނޑެވެ. ޑީޕީޕީއެމް އާއި ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަން އެ ގާނޫނުއަސާސީ އުވިފައިވާ ކަމަށް ތިޔަ ބައްލަވަނީ އަޅުގަނޑު އެ މަގާމުން ވަކިވެފައި ވާތީތޯ އެވެ؟" ޓްވީޓުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން އެގޮތަށް އެ އެއްސެވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުހިންމު ސިފަތަކާ ހިލާފަށް ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލިހުން އަމަލްކުރަމުން ދާ ދަނޑިވަޅެއްގަ އެވެ.
މައުމޫން އިސް ދައުރެއް އަދާކުރައްވާ އިދިކޮޅު ހަރަކާތާ ގުޅިވަޑައިގެންނެވި އަދި މިހާރު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ މަޖިލިހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ހަމަޖައްސައި، އިލެކްޝަންސް ކޮމިޝަނުން ވަނީ ބައިއިލެކްޝަން ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެ ގޮނޑިތައް ހުސްވިކަން ސުޕްރީމް ކޯޓުން ކަނޑައެޅުމުގެ ކުރިން ބައިއިލެކްޝަނެއް އިއުލާނެއް ނުކުރެވޭނެ އެވެ. އަދި ރާއްޖޭގެ އިންތިހާބީ އެއްވެސް މަގާމެއް ހުސްވެއްޖެކަން އެގޮތަށް އިއުލާންކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ވެސް އިދިކޮޅު ހަރަކާތުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލިހަށް މައުމޫންގެ ސުވާލު އަމާޒުކުރެއްވި އިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ބާރުގެ ދުވަސް މިހާރު ވަނީ ގާތްގަނޑަކަށް ގޮސްފަ އެވެ. މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ކޮންމެ ފަހަރަކު ވެސް ޖަލްސާތައް މެދުކަނޑާލާ ގޮތަށް މަޖިލިސް އޮންނަނީ ހުއްޓިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އަނެއް ދެ ބާރުން ރައްޔިތުންގެ މަޖިލިހުގެ ބާރުތައް ކުޑަކުރަމުން ދާ އިރު ވެސް މަޖިލިހުގެ ރިޔާސު އޮތީ ހިމޭނުންނެވެ.