ހަނދުގެ ސާމްޕަލް ހިމެނޭ ދަބަހެއް 1.8 މިލިއަން ޑޮލަރަށް
ހަނދުގެ ސާމްޕަލް ހިމެނޭ ދަބަހެއް 1.8 މިލިއަން ޑޮލަރަށް

ނިއު ޔޯކް (ޖުލައި 21) - ހަނދުން ސާމްޕަލް ގެނައުމަށް ނީލް އާމްސްޓްރޯންގް ބޭނުންކުރި ދަބަހެއް 1.8 މިލިއަން ޑޮލަރަށް ނިއު ޔޯކުގެ ނީލަމެއްގައި ވިއްކާލައިފި އެވެ.

އެޕޯލޯ 11 ގައި 1969 ވަނަ އަހަރު ހަނދަށް ކުރި ދަތުރުގައި ބޭނުންކުރި ދަބަސް ގަތް ފަރާތް ހާމަކޮށްފައެއް ނުވެ އެވެ. ހުދު ކުލައިގެ އެ ދަބަހުގެ ހަނދުގެ ސާމްޕަލްތައް އަދިވެސް އެކުލެވިފައިވެ އެވެ. މި ގޮތުން ހަނދުގެ ހިރަފުހާއި ހިލަކޮޅެއް އެ ދަބަހުގައިވެ އެވެ.

ހަނދަށް ގެންދިޔަ ދަބަސް ވިއްކާލާފައި މިވަނީ އެޕޯލޯ 11 ގެ ދަތުރުގެ ތެރޭން އާއްމުންގެ އަތުގައި އޮތް ހަމައެކަނި ހަނދާނުގެ މިލްކުވެރިކަމާ މެދު ގާނޫނީ މައްސަލަތަކެއް ކުރިމަތިވެފައިވަނިކޮށެވެ. ޖައްވީ އުޅަނދު ދުނިޔެ އަށް އައުމާ އެކު އޭގައިވާ ހުރިހާ އެއްޗެއް ވަނީ ސްމިތުސޮނިއަން ދާރުލްއާސާރަށް ފޮނުވައިފަ އެވެ. ނަމަވެސް އިންވެންޓްރީގައި އެރި އޮޅުމެއްގެ ސަބަބުން އެ ދަބަސް އޮތީ ޖޯންސަން ސްޕޭސް ސެންޓަރުގަ އެވެ. އޭގެ ފަހުން ސަރުކާރުން 2015 ވަނަ އަހަރުކީ ނީލަމެއްގެ ތެރޭގައި އެ ދަބަސް ވަނީ 995 ޑޮލަރަށް ވިއްކާލައިފަ އެވެ. ދަބަސް ގަތީ އިލިނޮއިސްގެ ވަކީލެކެވެ. ނާސާ އިން ފަހުން ވަނީ އެ ދަބަސް ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މި އަހަރު ކުރީކޮޅު ފަނޑިޔާރަކު ވަނީ އެ ދަބަހުގެ މިލްކުވެރިއަކީ އެ ގަތް ފަރާތް ކަމަށް ނިންމައިފަ އެވެ. ދަބަސް ނީލަން ކިޔަން ނިންމީ އެ ގަތް ފަރާތުންނެވެ.

ދަބަސް ނީލަން ކިޔާފައި ވަނީ ހަނދަށް ދިޔަތާ 48 އަހަރު ފުރުން ފާހަގަ ކުރުމަށެވެ. ހަނދަށް ކުރި ދަތުރުގައި އާމްސްޓްރޯންގް ވަނީ 500 ގްރާމުގެ ސާމްޕަލާއި 12 ހިލަކޮޅު ގެނެސްފަ އެވެ.