ވެނެޒުއެލާ ސަރުކާރާ ދެކޮޅަށް އެތައް މިލިއަން ބަޔަކު މުޒާހަރާ ކުރަނީ
ވެނެޒުއެލާ ސަރުކާރާ ދެކޮޅަށް އެތައް މިލިއަން ބަޔަކު މުޒާހަރާ ކުރަނީ

ކަރާކަސް (ޖުލައި 21) - މި މަހު 30 ވަނަ ދުވަހު ބާއްވާ އެސެމްބްލީ އިންތިޚާބު ކެންސަލް ކުރުމަށް ރައީސް ނިކޮލަސް މަދޫރޯ އަށް ޕްރެޝަރު ކުރުމުގެ ގޮތުން ވެނެޒުއެލާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް ނުކުމެއްޖެ އެވެ.

މުޒާހަރާގެ ތެރޭގައި ފުލުހުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ތިން މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މުޒާހަރާގެ ތެރޭން 360 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މުޒާހަރާ އަށް ނުކުތް މީހުން ވަނީ ވެރިރަށުގެ މަގުތައް ފަރުނީޗަރާއި ކުނިފަދަ ތަކެތި ބޭނުންކޮށްގެން ބަންދުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ގައުމުގެ 85 ޕަސެންޓް މީހުން މުޒާހަރާ އަށް ނުކުމެފައިވާ ކަމަށެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވީ ގައުމުގެ މުހިންމު ސެކްޓަރުތައް މުޒާހަރާ އަށް ނުނިކުންނަ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަދޫރޯ އިންތިޚާބު ބާއްވަން މަސައްކަތް ކުރަނީ އެސެމްބްލީގައި މިހާރު އޮތް އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު ގެއްލުވާލާ އަަދި ގާނޫނު އަސާސީ އަލުން ލިޔަން ކަމަށެވެ. ބޭނުމަކީ ވެރިކަމުގެ ބާރުތައް މަދޫރޯގެ މުށުތެރެއަށް ޖަމާކުރުން ކަމަށް ބުނެފައިވެ އެވެ.

އިންތިޚާބު ކެންސަލް ކުރުމަށް ވަނީ އެމެރިކާ، ފްރާންސް، ސްޕޭން، ކޮލަމްބިއާ އަދި އީޔޫ އިން ގޮވާލައިފަ އެވެ.