21 ޖުލައި 2017 - 12:45

ވޮޝިންޓަން (ޖުލައި 21) - ޑޮކްޓަރުންގެ ހަތަރު ޓީމުގެ މަސައްކަތުން 11 ގަޑިއިރު ހޭދަކޮށްގެން ޒައޮން ހާވޭ ގެ ދެ އަތް ބަދަލު ކުރުމުގެ ކާމިޔާބު އޮޕަރޭޝަނަށް ފަހު ކުއްޖާގެ ނަން ވަނީ ބޭސްވެރިކަމުގެ ތާރީޚުގެ ތެރެއަށް ވަދެފަ އެވެ. އުމުރުން އަށް އަހަރުގެ ހާވޭ އަކީ ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ދެ އަތް ބަދަލުކުރި ކުއްޖާ އެވެ.

އެމެރިކާގެ މެރީލޭންޑުގެ ބޯލްޓިމޯ އަށް އުފަން ކުއްޖާގެ އަތް ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރިތާ ދެ އަހަރު ފަހުން މިހާރު އެ ކުއްޖާ އަށް އަތުގެ ހަރަކާތްތައް ގެނައުމަށް ދައްޗެއް ނޫނެވެ. ކުޅިވަރަށް މަރުދޭ ކުއްޖާ ބޭސްބޯޅަ ވެސް ކުޅެ ހަދަ އެވެ.

ހާވޭގެ އުމުރުން ދެ އަހަރުގައި ދެ އަތް ބުރިކޮށްލަން ޖެހުނީ ސެޕްސީސް ކިޔާ ބައްޔެއްގެ ސަބަބުންނެވެ. އޮޕަރޭޝަން ކުރުމާ ހަމައަށް އޭނާގެ ހުރިހާ ހަރަކާތެއް ވެސް އޮތީ އެހެން މީހުންނަށް ބިނާވެފަ އެވެ. ހާވޭގެ އޮޕަރޭޝަން ކުރުމުގެ ކުރިން އެންމެ އުނދަގޫވީ އެ ކުއްޖާއާ ގުޅޭ ދެ އަތް ހޯދުމަށެވެ. އެންމެ ފަހުން ވަނީ އޭނާގެ އަތާ ގުޅޭ ހެޔޮއެދޭ ފަރާތެއްގެ ދެ އަތް ހޯދައިފަ އެވެ.
ފިލެޑެލްފިއާގެ ޗިލްރެންސް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ބުނީ ހާވޭގެ އޮޕަރޭޝަން ކުރިތާ 18 މަސް ފަހުން އޭނާ އަމިއްލަ އަށް ލިޔެ ހަދާ، ކައި އަދި ހެދުން ލާން ފެށި ކަމަށެވެ. އޮޕަރޭޝަނަށް ފަހު އަށް މަސް ފަހުން އެ ކުއްޖާ ވަނީ ކަތުރު ފަދަ އެއްޗެހީގައި ހިފަން ފަށައިފަ އެވެ. އަދި އަހަރެއް ފަހުން ދެ އަތުން ހިފާ ބޭސްބޯލް ބެޓަކުން ބޯޅައިގައި ޖަހަން ފެށި އެވެ.
ގުނަވަން ބަދަލުކުރުމަކީ އޭގައި ނުރައްކާތަކެއް އެކުލެވޭ ކަމެކެވެ. ބައެއް ފަހަރުން ހަރުކުރާ ގުނަވަން ހަށިގަނޑާ ނުގުޅުމުގެ މައްސަލަ ދިމާވެ އެވެ. އަދި ބޭނުން ކުރަން ޖެހޭ ބޭހުގެ ސަބަބުން ވެސް ސިއްހީ ނުރައްކާތައް ކުރިމަތިވެ އެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް އަތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރީ 1998 ވަނަ އަހަރު އެވެ. އޭގެ ފަހުން ވަނީ 100 އަށް ވުރެ ގިނަ މީހުންގެ އަތާއި އަތްތިލަ ބަދަލުކޮށްފަ އެވެ.