21 ޖުލައި 2017 - 08:25

މާސޭ، ފްރާންސް (ޖުލައި 21) - މޮނާކޯގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭއާ ގެންދަން ބައެއް ކްލަބްތަކުން އޭނާއާ ގަވާއިދާ ހިލާފަށް މަޝްވަރާ ކުރާ ކަމަށް ބުނެ އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް މޮނާކޯ އިން ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުން މޮނާކޯ އިން މި ގޮތަށް ނިންމީ ފާއިތުވި ހަފްތާގައި އެ ކްލަބަށް ނޭނގި އެމްބާޕޭގެ އޭޖެންޓާ މެންޗެސްޓާ ސިޓީ އަދި ޕީއެސްޖީން މަޝްވަރާކުރިކަން މީޑީއާތަކުުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. ސިޓީ އާއި ޕީއެސްޖީން އެމްބާޕޭ އަށް 100 މިލިއަން ޕައުންޑް ހުށަހަޅަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މޮނާކޯ އިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުންތެރިއަކާ މަޝްވަރާ ކުރަން ޖެހޭނީ ކްލަބްގެ ހުއްދަ ހޯދައިގެން ފީފާގެ ގަވާއިދުގައި ވަރަށް ރަނގަޅަށް ބުނެދީފައިވާ ކަމަށެވެ.
"ކްލަބެއްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކު އެހެން ޓީމަކަށް ގެންދަން ފުރަތަމަ މަޝްވަރާ ކުރަން ޖެހޭނީ އެ ކުޅުންތެރިއާގެ ކޮންޓްރެކްޓް އޮތް ކްލަބާ. އޭނާގެ އޭޖެންޓަކާއެއް ނޫން. އަހަރެމެން ވަރަށް ހިތާމަކުރަން އެމްބާޕޭ އަށް ގަވާއިދުން ބޭރުން ހުށަހެޅުންތައް އަންނާތީ. ގަވާއިދުން ބޭރުން އަމަލުކުރާ ކްލަބްތައް ގޮވައިގެން ފީފާ އަށް ދާނަން،" މޮނާކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މޮނާކޯގެ ޔޫތު ޓީމުން ތަމްރީންވި އެމްބާޕޭ ސީނިއާ ޓީމާ ގުޅުނީ 2015 ގަ އެވެ. އުމުރުން 18 އަހަރުގައި މިދިޔަ ސީޒަނު އެމްބާޕޭ ވަނީ 44 މެޗުން 26 ގޯލް ޖަހައިފަ އެވެ. އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެދީފަ އެވެ.
އެމްބާޕޭ ހޯދަން މޮނާކޯއާ މިހާތަނަށް މަޝްވަރާކުރީ ތިން ކްލަބަކުންނެވެ. އެއީ ރެއާލް މެޑްރިޑާއި ލިވަޕޫލް އަދި އާސެނަލެވެ. މި ތިން ކްލަބުން ހުށަހަޅާ އަގު ކުޑަވުމުން މޮނާކޯ ވަނީ އެއްބާޕޭ ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ.