ޔުނިޓީ ކަޕުގެ ސެމީ އަށް ޓީމުތައް ހޮވިއްޖެ
ޔުނިޓީ ކަޕުގެ ސެމީ އަށް ޓީމުތައް ހޮވިއްޖެ

ހއ. އުތީމުގައި ކުރިއަށްދާ އެސްޓީއޯ/ މޯލްޑިވްސް ގޭސް ޔުނިޓީ ކަޕުގެ ސެމީ ފައިނަލަށް ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރާއި އުތީމު ކައުންސިލާއި ފެނަކަ އަދި ހެލްތު ސެންޓަރު ދަތުރުކޮށްފި އެވެ.

ޔުނިޓީ ކަޕުގެ ސެމީ އަށް ޓީމުތައް ހޮވިއްޖެ
ޔުނިޓީ ކަޕުގެ ސެމީ އަށް ޓީމުތައް ހޮވިއްޖެ

މުބާރާތުގެ ތަށި މިދިޔަ ދެ އަހަރު ހޯދައި މި އަހަރު ތަށި މިލްކުކުރަން ނުކުތް އުތީމު މެޖިސްޓްރޭޓް ކޯޓް ވަނީ ސެމީ ފައިނަލަށް ނުގޮސް ކަޓައިފަ އެވެ. ހަ ޓީމު ވާދަކުރި މުބާރާތުން ސެމީ އަށް ނުގޮސް ދެން ކެޓީ ގާޒީ ބަންޑާރައިން ސްކޫލެވެ.

ފުރަތަމަ ސެމީ ފައިނަލުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރާއި ހެލްތު ސެންޓަރެވެ. ދެ ވަނަ ސެމީ ފައިނަލުގައި އާދީއްތަ ދުވަހު ކުޅޭނީ ކައުންސިލާއި ފެނަކަ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

އުތީމު ކައުންސިލާއި މުއައްސަސާތައް ގުޅިގެން ބާއްވާ މުބާރާތުގައި މުއައްސަސާތަކުގެ ޓީމުތައް ބައިވެރިވި ނަމަވެސް ރަށަށް ނިސްބަތްވާ އެންމެންނާއި އެ ރަށުގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރުގެ ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ލިބެ އެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މުބާރާތުގެ ބޭނުމަކީ ރަށުގެ އިޖްތިމާއީ ގުޅުން ވަރުގަދަކުރުމާއި މުއައްސަސާތަކާ ދޭތެރޭ ދެކޭ ގޮތް ބަދަލުކޮށް ގުޅުން ރަނގަޅުކުރުން ކަމަށެވެ.

"ރަށުގެ ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް މަހެއްހާ ދުވަހު އެއްކޮށް ކައިބޮއި ހަދައި އެއްކޮށް ވަގުތު ހޭދަކުރުމުން ވަރަށް ބޮޑަށް އެންމެންގެ މެދުގައި ގުޅުން ބަދަހިވެ ހުރި ހިތްހަމަނުޖެހުންތައް ނައްތާލެވޭނެ. ކުޅިވަރަކީ ވާދަވެރި އެއްޗެއް. އެކަމަކު އެ ވާދަވެރިކަމުގެ ތެރެއިން ވަރަށް ބާރުގަދަ އިޖްތިމާއީ ގުޅުން ވެސް އުފެދިގެންދޭ. އަޅުގަނޑުމެންގެ ބޭނުމަކީ އެ ގުޅުން އުފައްދައި ބަދަހި ކުރުން،" ރަޝީދު ވިދާޅުވި އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ގޭސް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި ތިލަފުށީ ކޯޕަރޭޝަނާއި މިފްކޯ އާއި އެމްޓީސީ އާއި އެމްޕީއެލް އާއި ދޮންމަނިކު ސީވިއު އިން ވެސް ވަނީ ސްޕޮންސާޝިޕް ދީފަ އެވެ. މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން ޕާޓްނަރަކީ މިހާރު ނޫހެވެ. މީގެ އިތުރުން މުބާރާތަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ދެއްވި އެހީތެރިކަމާއި އެއްބާރުލުން، އުތީމު ކައުންސިލުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.