ފައިނަލުގެ ފަހު ޖާގަ ޕޮލިހަށް
ފައިނަލުގެ ފަހު ޖާގަ ޕޮލިހަށް

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ވީއޭއެމް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކްލަބް ހޯދައިފި އެވެ.

މާދަމާރޭ ކުޅޭ ފައިނަލުގައި ޕޮލިސް ބައްދަލުކުރާނީ ފުރަތަމަ ސެމީ ފައިނަލުން އެ ޓީމު އަތުން މޮޅުވި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޓީމާ ދެކޮޅަށެވެ.

ޕޮލިސް ފައިނަލުން ފުރުސަތު ހޯދީ ތިން ވަނަ ސެމީ ފައިނަލުގައި އިއްޔެ ފުވައްމުލަކު ފްރެންޑްސް ކްލަބް ފުނާޑާ ބައްދަލުކޮށް 3-1 ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު 20-25 އިން ފުނާޑު ކާމިޔާބުކޮށްފައިވަނިކޮށް ޕޮލިސް ވަނީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-13، 25-13 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޕޮލިހުގެ މަރިޔަމް އަޒީފާ އެވެ.

ރޭގެ މެޗުން ބަލިވި ފުނާޑަށް ވަނީ މުބާރާތުގެ ތިން ވަނަ މަގާމް ލިބިފަ އެވެ. ފުނާޑް ތިން ވަނަ ސެމީ ފައިނަލުން ފުރުސަތު ހޯދީ ދެ ވަނަ ސެމީ ފައިނަލުގައި ދަ ފޭދޫ ސްޕޯޓްސް އަތުން މޮޅުވެގެންނެވެ.