ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާނާއި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔެއްގެ ތައުރީފު، ސޯޝަލް މީޑިއާގައި ރިލީޒްކޮށްފައިވާ ކަވޭރީގެ ފުރަތަމަ ސިންގަލްއަށް އޮއްސާލައިފި އެވެ. ކަވޭރީ އަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޝޭކަރް ކަޕޫރާއި ކުރީގެ ފިލްމީ ބަތަލާ އަދި ލަވަކިޔުންތެރިޔާ ސުޗިތުރާ ކްރިޝްނާމުރުތީގެ 15 އަހަރުގެ އަންހެން ދަރިފުޅެވެ.

ކަވޭރީގެ ލަވައަށް ތައުރީފުކުރަމުން ޝާހްރުކް ކޮށްފައިވާ ޓުވީޓްގައި އެ ލަވަ ރީތި ކަމަށާއި ކަވޭރީގެ ބައްޕަ އޭނާއަށްޓަކައި ވަރަށް ފަޚުރުވެރިވާނެ ކަމަށް ބުނެފައިވެ އެވެ.

ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް އާއި ފަރަހަ ޚާން އަދި އެކްޓަރުން ކަމަށްވާ ރިތިކް ރޯޝަން އާއި އަބީޝެކް ބައްޗަން ފަދަ ތަރިން ވެސް ކަވޭރީ އަށް ތައުރީފުކޮށްފައިވެ އެވެ. އަދި ލަވަކިޔުންތެރިންގެ ތެރެއިން ސޯނޫ ނިގަމް އާއި ޝާން ފަދަ ހުނަރުވެރި ފަންނާނުން ވެސް ކަވޭރީ އަށް މަރުހަބާ ކިޔައި ޓުވީޓްކޮށްފައިވެ އެވެ.

މި ލަވަ ލިޔެ، ކޮމްޕޯސްކޮށް އަދި ކިޔާފައިވަނީ ކަވޭރީގެ އުމުރުން އެންމެ 11 އަހަރުގަ އެވެ. ނަމަވެސް ރިލިޒްކުރީ އަދި ކިރިޔާ އެވެ.

ކަވޭރީގެ މަންމަ ސުޗިތުރާ ވަނީ 1994 ގައި ނުކުތް "ކަބީ ހާން ކަބީ ނާ"ގައި ޝާހްރުކް އާ އެކު ބަތަލާގެ ބައި ކުޅެފަ އެވެ. "އާނާ މޭރޭ ޕިޔާރް ކޮ ނާ ތުމް ޖޫޓާ ސަމްޖޯ ޖާނާ" އަކީ ޝާހްރުކް އާއި ސުޗިތުރާގެ ވަރަށް މަޝްހޫރުވި ލަވައެކެވެ.

ކަވޭރީގެ ބައްޕަ ޝޭކަރް ކަޕޫރަކީ "މައުސޫމް" އަދި "ބެންޑިތު ކުއީން" ފަދަ މޮޅު ފިލްމުތައް އުފައްދާފައިވާ ވަރަށް ކުޅަދާނަ ޑައިރެކްޓަރެކެވެ.