ޝޯމީ ފޯނުތަކަށް ސެމްސަންގް އިން އޯލެޑް ޑިސްޕްލޭ އުފައްދަނީ
ޝޯމީ ފޯނުތަކަށް ސެމްސަންގް އިން އޯލެޑް ޑިސްޕްލޭ އުފައްދަނީ

ޝޯމީ ފޯނުތަކަށް އޯލެޑް ޑިސްޕްލޭ އުފައްދައިދޭން ސެމްސަންގް ކިބައިން އެދިއްޖެ އެވެ. ބެލެވޭ ގޮތުގައި ޝޯމީ އަށް އޯލެޑް ޑިސްޕްލޭ އުފައްދައިދޭން ސެމްސަންގް ވެސް ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެއީ ވާދަވެރި އެލްޖީ އަށް ފުރުސަތު ނުދިނުމަށެވެ.

ސެމްސަންގް އާއި ޝޯމީ މަޝްވަރާތައް ނިންމައި އެއްބަސްވުމަކާ ހަމަ އަށް އައިސްފައިވާ ކަމަށް ވެސް ބުނެވެ އެވެ. އެ ވާހަކަތަކުގައި ހަރުދަނާކަމެއް ހުރި ނަމަ، ޝޯމީ އަށް ބޭނުންވާ ފުރަތަމަ ޝިޕްމެންޓް، އަންނަ ޑިސެމްބަރުގައި ޝޯމީއާ ހަވާލުކުރާނެ އެވެ. އެއީ އެއް މިލިއަން އޯލެޑް ޑިސްޕްލޭ އެވެ. ދެވަނަ ޝިޕްމެންޓް އަންނަ އަހަރު ކުރީކޮޅު ހަވާލުކުރާނެ އެވެ، އެއީ 2.2 މިލިއަން އޯލެޑް ޑިސްޕްލޭ އެވެ.

ޝޯމީ އިން ފުރަތަމަ ނިންމީ އެލްޖީ އަށް އޯޑަރު ދިނުމަށެވެ. އެހެން ނަމަވެސް އެ ވަރުގެ ބިޔަ އޯޑަރެއް ފުރިހަމަކުރެވޭ ވަރުގެ ކުޅަދާނަކަން އެލްޖީ އަށް މި ވަގުތު ލިބައި ނެތުމުން، ސެމްސަންގް އަށް އޯޑަރު ދިނީ އެވެ.

ސްމާޓްފޯން ކުންފުނިތަކުން އޯލެޑް ޑިސްޕްލޭ އަށް ބޭނުންޖެހިފައި ވާތީ ފެކްޓަރީ ބޮޑުކުރުމުގެ މަސައްކަތް އެލްޖީ އިން އަންނަނީ ކުރަމުންނެވެ. އެއީ ވެސް ޝޯމީ ދިން އޯޑަރުތައް އެލްޖީ އަށް ބަލައިނުގަނެވުނު ސަބަބެކެވެ.

އެޕަލް އައިފޯނަށް އޯލެޑް ޑިސްޕްލޭ އުފެއްދުމަށްޓަކައި ސެމްސަންގް އިން ވަނީ ވަރަށް ބިޔަ އޯޑަރެއް ނަގާފަ އެވެ. އެ އޯޑަރުތައް ފުރިހަމަކުރުމަށްޓަކައި ސެމްސަންގް އިން ވެސް ދަނީ ފެކްޓަރީ ބޮޑުުކުރަމުންނެވެ.