ސަލީމް ޚާނާއި ހެލަންގެ ލޯބީގެ ވާހަކަ
ސަލީމް ޚާނާއި ހެލަންގެ ލޯބީގެ ވާހަކަ

ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން އަކީ 1970ގެ އަހަރުތަކުގައި ހިންދީ ސިނަމާއަށް އަގު ނުކުރެވޭ ވަރުގެ ގިނަގުނަ މަސައްކަތްތަކެއް ކޮށްދިން މީހެކެވެ. ސަލީމް އާއި އޭނާގެ އެކުވެރި ޖާވީދު އަޚްތަރު ގުޅިގެން އެ ދުވަސްވަރު ލިޔުނު "ޝޯލޭ" އާއި "ޒަންޖީރު" ފަދަ ރީތި ފިލްމުތަކާ އެއްވަރުގެ ސްކްރިޕްޓްތަކެއް މިހާތަނަށް ވެސް އެހެން ބަޔަކަށް ލިޔެވިފައެއް ނުވެ އެވެ.

ސަލީމް ޚާނާއި ހެލަންގެ ލޯބީގެ ވާހަކަ
ސަލީމް ޚާނާއި ހެލަންގެ ލޯބީގެ ވާހަކަ

އަމީތާބު ބައްޗަންގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ވެސް އެދުވަސްވަރު ސަލީމް-ޖާވީދުގެ ކުޅަދާނަކަމުން ލިޔުނު ބޮޑު ސްކްރިޕްޓްތަކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ސަލީމް ޚާނާއި ހެލަންގެ ލޯބީގެ ވާހަކަ
ސަލީމް ޚާނާއި ހެލަންގެ ލޯބީގެ ވާހަކަ

ސަލީމް ލިޔުނު ސްކްރިޕްޓްތަކެކޭ އެއްގޮތަށް އޭނާގެ ޒާތީ ދިރިއުޅުމުގައި ވެސް އެދުވަސްވަރު ވަރުގަދަ ޑްރާމާއެއް ތަޖުރިބާކުރި އެވެ. މި ޑްރާމާގެ އެންމެ މުހިއްމު ދެ މީހުންނަކީ ސަލީމްގެ އަންހެނުން ސުޝީލާ ޗާރަކް އާއި އޭރުގެ ވަރަށް މަޝްހޫރު ނެށުންތެރިޔެއް ކަމަށްވާ ހެލަން އެވެ.

ސަލީމް ޚާނާއި ހެލަންގެ ލޯބީގެ ވާހަކަ
ސަލީމް ޚާނާއި ހެލަންގެ ލޯބީގެ ވާހަކަ

ސަލީމް އުފަންވީ 1935ގަ އެވެ. އުމުރުން 23 އަހަރުގައި އޭނާ އެކްޓަރެއްގެ ގޮތުން ފިލްމު ކުޅެން ފެށި އެވެ. އަދި އިންޑަސްޓްރީއަށް ވަންތާ މާގިނަ އަހަރުތަކެއް ނުވެ 1964 ގައި ސުޝީލާ ޗާރަކް އާ ކައިވެނި ކުރި އެވެ. ސަލީމްއާ ކައިވެނި ކުރުމަށްފަހު ސަލްމާ ޚާންގެ ނަމަށް ސުޝީލާގެ ނަން ބަދަލުކުރި އެވެ.
ސަލީމް އިންޑިއާގެ މަޖައްލާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ސަލްމާ އާ ކައިވެނިކުރީ ފަސް އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައި ކަމަށެވެ.

ސަލްމާ އާ ކައިވެނިކުރިއިރު ވެސް ސަލީމް އުޅެނީ ހެލަންއާ ވެސް ރައްޓެހިވެގެންނެވެ. އޭރު ހެލަން އަކީ ވަރަށް ކާމިޔާބު ބަތަލާއެއް އަދި ނެށުންތެރިއެކެވެ. ގިނަ މީހުން ސިފަ ކުރަނީ ހެލަން އަކީ ސަލީމްގެ ހަޔާތުގެ "ވަގު އަނބި" ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ސަލްމާ އާ ކައިވެނި ކުރުމުގެ ކުރިން ވެސް ސަލީމް ހެލަން ދަނެ އެވެ. އަދި "ތީސްރީ މަންޒިލް" އާއި "ސަރްހަދީ ލުޓޭރާ" ގައި ހެލަން އާ އެކު މަސައްކަތް ވެސް ކުރި އެވެ.

ހެލަން އާއި އޭނާގެ އޮތް ޒަމާންވީ ލޯބީގެ ގުޅުމާ ބެހޭ ގޮތުން ސަލީމް ބުނެފައި ވަނީ ސަލްމާ އާ ކައިވެނި ކުރުމުގެ މާކުރިއްސުރެ ވެސް ހެލަން އާއި އޭނާގެ ގުޅުން އޮންނަ ކަމަށާއި ހެލަން އާ ކައިވެނިކުރަން ނިންމީ 1980 ވަނަ އަހަރު ކަމަށެވެ.

"ހެލަން ދެކެ ލޯބި ވެވުނީ ކޮން އިރަކު ކަމެއް އަދި ކައިވެނިކުރަން ނިންމުނީ ކޮން އިރަކު ކަމެއް ބުނާކަށް ނޭނގޭ. އެހާ ގިނަ ދުވަސްވަންދެން ހެލަން އާ ގުޅުން ބޭއްވުނީތީ އެ ގުޅުމަށް އިހްތިރާމްކުރުމުގެ ގޮތުން އޭނާއާ ކައިވެނިކުރަން ޖެހޭނެކަމަށް އަހަރެންނަށް ގަބޫލު ކުރެވުނީ،" ހެލަން އާ ކައިވެނި ކުރި ސަބަބާ ބެހޭ ގޮތުން ސަލީމް ބުނެފައި ވެއެވެ.

ހެލަން އާއި ސަލީމް ކައިވެނި ކުރުމުން އޭނާގެ އާއިލާގެ ތެރޭގައި މައްސަލަތައް ޖެހުނެވެ. އަދި އެކަމާ ހެލަން ވަރަށް ދެރަވެ އެކަން ދިމާވީ އޭނާގެ ސަބަބުން ކަމަށް ގަބޫލުކޮށް އަމިއްލަ ނަފްސު ގޯސް ކުރަން ފެށުނެވެ. ނަމަވެސް އެހާ ދުވަހު ރައްޓެހިވެގެން އުޅުނު ދެ ލޯބިވެރިން މުޅީން ވަކިވާނެގޮތެއް އެމީހުންނަށް ވެސް ނުވިސްނުނީ ކަމަށް ހެލަން ގަބޫލު ކުރެ އެވެ.

ހެލަން ބުނެފައިވާ ގޮތުގައި އޭނާގެ ހަޔާތުގެ އެންމެ ދަތި އުނދަގޫ ދުވަސްތަކުގައި އެއްވެސް އަމިއްލައެދުމެއް ނެތި އޭނާއަށް އެހީތެރިވީ ސަލީމް އެވެ. އަދި އޭނާއަށް އެހީތެރިވުމުގެ ނާޖާއިޒު ފައިދާ ނަގަން ސަލީމް ދުވަހަކު ވެސް މަސައްކަތް ކޮށްފައިނުވާ ކަމަށް ހެލަން ބުނެފައިވެ އެވެ.

ސަލީމް އާއި ހެލަން ކައިވެނި ކުރުމަށްފަހު އެ ދެ މީހުންނަކީ އެކަކު އަނެކަކަށްޓަކައި ޚާއްސަ ބައެއްކަން ގިނަ ބަޔަކު ޔަގީންކުރި އެވެ.

ސަލީމްގެ ދެ ވަނަ ކައިވެންޏާ ފުރަތަމަ ކޮޅު ސަލްމާ ވަރަށް ދެކޮޅުހެދި އެވެ. އަދި މި ކައިވެނީގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްކަމާއި އުނދަގޫތައް ތަހައްމަލުކުރަމުންދާ ކަމަށް އެ ދުވަސްވަރު ސަލްމާ ބުނެފައި ވެއެވެ.
ހެލަން އާއި ސަލީމް ކައިވެނި ކުރިއިރު ސަލްމާ އާއި އޭނާއަށް ހަތަރު ކުދިން ލިބިއްޖެ އެވެ. އެއީ ސަލްމާން، އަރްބާޒް، ސުހައިލް، އަދި އަލްވިރާ އެވެ. ނަމަވެސް ސަލްމާ ރުޅިއައިސްފައި ހުރުމުން އެ ކުދިން ވެސް ހެލަން އާ އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް ކަން ދިމާވީ ސަލީމަށް ވަރަށް ނަސީބު ގަދަ ގޮތަކަށެވެ. ހެލަން ވީ ވަރަށް އާދަޔާޚިލާފު ރަނގަޅު މީހަކަށެވެ. އެހެންކަމުން އެއް ގެއެއްގައި ގިނަ ދުވަހު އުޅެން ފެށުމުން ސަލްމާ އަށާއި ކުދިންނަށް ވެސް ހެލަންގެ ރަނގަޅުކަން އިހްސާސްވެ މަޑުމަޑުން ސަލްމާ ވެސް ހެލަން ގަބޫލު ކުރީ އެވެ.

"އެންމެންނަށް ވެސް ހެލަންގެ ރަނގަޅުކަން ވިސްނުނީ. ކުދިންނަށް ވެސް އެކުދިންގެ ބައްޕަ އާއި މަންމަ ވެސް ހެލަން އަކީ ރަނގަޅު މީހެއްކަމަށް ގަބޫލުކުރާކަން އެނގުމުން އެކުދިން ވެސް އެގޮތް ގަބޫލުކޮށް ހެލަން އާ ގާތް ގުޅުމެއް ބާއްވަން ފެށި. މިހާރު ހެލަން އަށް ޓަކައި ސަލްމާން ފުރާނަ ވެސް ދޭން ތައްޔާރު. އެހާ ލޯބިވޭ އެ ކުދިން ހެލަން ދެކެ. އެކުދިން ގަބޫލުކުރާ ގޮތުގައި އަހަރެން ފަދައިން ހެލަން އަކީ ވެސް ހަމަ އެކުދިންގެ މަންމައެއް. މަންމަގެ ދުވަހުގެ ހަދިޔާ އާއި އެނޫން ވެސް އަހަރެންނަށް ގަންނަ ކޮންމެ ހަދިޔާއަކަށް ހަމަ އެކަހަލަ ހަދިޔާއެއް އެކުދިން ހެލަން އަށް ވެސް ގަނެދޭ،" ސަލްމާ ބުނެފައިވެ އެވެ.

ސަލްމާ އާއި ހެލަންގެ ގުޅުން ރަނގަޅުވުމުން ސަލީމް އާއި ހެލަންގެ ލޯބީގެ ވާހަކައަށް އުފާވެރި ނިމުމެއް އައީ އެވެ. ހިތްހަމަނުޖެހޭ ކަމެއް މި ދެ މީހުންގެ މެދުގައި ދިމަލެއް ނުވެ އެވެ. އުމުރުން މިހާރު 80 އަހަރަށް ވުރެ ދުވަސްވެފައިވާ ސަލީމް ދެ އަނބިންނާއި ދަރިންނާ އެކު މިހާރު ވެސް އުޅެމުންދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ.

އިއްތިފާގުން ހެލަން ވީ ދަރިން ނުލިބޭ މީހަކަށެވެ. އެހެންކަމުން ސަލީމް އާއި ހެލަން ގަސްތުކުރީ ކުއްޖަކު އެޑޮޕްޓްކުރާށެވެ. ސަލްމާންގެ ހަގު ކޮއްކޮ އަރްޕިތާ ޚާން އަކީ މި ދެމަފިރިން އެޑޮޕްޓްކުރި ކުއްޖެކެވެ. އަރްޕިތާ ދެކެ ސަލްމާން އާއި އެ އާއިލާގެ މީހުން ވަރަށް ލޯބިވެ އެވެ. އަދި އޭނާއަކީ އާއިލާގެ އެންމެ ހަގު ކުއްޖާއަށް ވުމުން ހުރިހާ އެންމެންގެ ލޯބި އަރްޕިތާއަށް މާ ޚާއްސަގޮތަކަށް ލިބެ އެވެ.

ނަމަވެސް އިންޑިއާގެ ނޫހެއްކަމަށްވާ ޑީއެންއޭ އަށް ދީފައިވާ އިންޓަވިއުގައި ސަލީމް ބުނެފައިވަނީ ދެ އަނބިން ގެންގުޅުމުގެ ތަޖުރިބާއަކީ އެހާ ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށާއި އެއްވެސް މީހަކަށް އޭނާ އެކަން ކުރަން ލަފާ ނުދޭނެ ކަމަށެވެ.

"އެކްސިޑެންޓަކުން ދެ ފަހަރަށް ލޯބި ވެވުނީ ދެ މީހެއް ދެކެ. މި އެކްސިޑެންޓަކުން އަހަންނަށް ނަސީބަކުން ސަލާމަތް ވެވިއްޖެ. ނަމަވެސް އަހަރެން ބުނާނީ މިއީ އެއްގޮތަކަށް ވެސް ޒަވާޖީ ދިރިއުޅުމަކަށް ކުރަން ރަނގަޅު ތަޖުރިބާއެއް ނޫނޭ. އާއްމުކޮށް މި ކަހަލަ ކައިވެނިތައް ކާމިޔާބެއް ނުވޭ،" ސަލީމް ބުންޏެވެ.