26 ޖޫން 2016 - 08:11

ދިރިހުރި ބޮޑު މީހެއްގެ ލިވާ ނުވަތަ ފުރަމޭގެ ބައެއް އެހެން މީހަކަށް ދީގެން އިންޑިއާގައި ހެދި ފުރަތަމަ ލިވާ ޓްރާންސްޕްލާންޓް ވަރަށް ކާމިޔާބުކަމަށް މި އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ހެދި މި ސާޖަރީގައި 23 އަހަރުގެ ސިއްހަތު ރަނގަޅު ފިރިހެނެއްގެ ފުރަމޭގެ ބޮޑު ބައެއް ވަރަށް ކާމިޔާބު ކަމާ އެކު ވަނީ އޭނާގެ 55 އަހަރުގެ ބައްޕައަށް ޓްރާންސްޕްލާންޓް ކޮށްފަ އެވެ. މި ބައްޕައަކީ ލިވާ ބައްޔެއްގެ އެންމެ ފަހު ސްޓޭޖްގައި، މަރުގެ ތުންފަތްމަތީގައި އޮތް މީހެކެވެ.
ޑޮކްޓަރުން ވިދާޅުވަނީ ޓްރާންސްޕްލާންޓަށް ފަހު ދެބަފައިންގެ ހާލުވެސް ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ގެއަށް ފޮނުވާލެވޭނެ ކަމަށެވެ.
ދިރިހުރި ބޮޑު މީހެއްގެ ލިވާގެ ބައެއް ކުޑަ ކުއްޖަކަށް ޓްރާންސްޕްލާންޓް ކުރުމަކީ މީގެ ކުރިން ވެސް ކާމިޔާބު ކަމާ އެކު ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ކުޑަކުއްޖަކަށް ލިވާ ޓްރާންސްޕްލާންޓް ކުރާއިރު ދިރިހުރި ޑޯނާގެ ލިވާ އިން ނަގަން ޖެހޭ ބައި ކުޑަ އެވެ. އެހެންވެ އޮޕަރޭޝަންކުރާ ޑޮކްޓަރުންނަށް އޮންނަ ގޮންޖެހުންތައް ކުޑަވެ އެވެ.
ރައިޓް ލޯބް ޑޮނޭޝަން ނުވަތަ ދިރިހުރި ބޮޑު މީހެއްގެ ލިވާގެ ބައެއް ބޮޑު މީހަކަށް ޓްރާންސްޕްލާންޓްކޮށްދިނުން މިއީ ޓެކްނިކަލް ގޮތުން ބަލާއިރު މާ ޑިމާންޑް ބޮޑު އަދި އޮޕަރޭޝަންގެ ތެރޭގައި ކުޑަ ނަމަވެސް ގޯހެއް ހެދުމުގެ ފުރުސަތު ހަނިކުރަން ޖެހޭ ވަރަށް އުނދަގޫ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރެވޭނީ ވެސް ވަރަށް ރަނގަޅަށް މިކަމަށް ބޭނުންވާ މެޝިންތައް ހުރި ޚާއްސަ މަލްޓިސްޕެޝަލިޓީ ސެންޓަރެއްގަ އެވެ.
މަރުވާ މީހެއްގެ ލިވާ ދިރިހުރި މީހަކަށް ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަނަކީ މިހާރުވެސް ވަރަށް ކާމިޔާބު ކަމާއެކު ކުރާ ކަމެކެވެ. ނަމަވެސް ދިރިހުރި މީހެއްގެ ލިވާގެ ބޮޑު ބައެއް ނަގައިގެން ޓްރާންސްޕްލާންޓް ކޮށްދީގެން ކާމިޔާބުވި މިއީ ފުރަތަމަ ފަހަރެވެ.
"ބައްޕައަށް ލިވާ ހަދިޔާކުރި ދަރިފުޅުގެ ލިވާގެ 65 ޕަސެންޓް އަހަރެމެން ނެގިން. އެއީ ގާތްގަނޑަކަށް 700 ގްރާމް. އަދި ވަރަށް ކާމިޔާބުކަމާ އެކު އެ ކުއްޖާގެ ބައްޕައަށް އެ ލިވާ ޓްރާންސްޕްލާންޓް ކޮށްދިނިން. އެ ދެ މީހުންގެ ލިވާ ވެސް އަސްލު ހުންނަ ސައިޒަށް އަލުން އުފެދޭނެ 6-8 ހަފުތާ ތެރޭ. ލިވާ ހަދިޔާކުރި މީހާ އަށް މަސް ދުވަސް ފަހުން އާދައިގެ ދިރިއުޅުމެއް އުޅެން ފެށޭނެ. އަދި ލިވާ ލެއްވި މީހާއަށް ތިން މަސް ދުވަސް ތެރޭ އާދައިގެ ދިރިއުޅުމެއް އުޅެން ފެށޭވަރު ވާނެ،" ލިވާ ޓްރާންޕްލާންޓް ފިޒީޝަން ޑރ. ޝީތަލް ދަދްޕާލޭ މަހާޖާނީ ވިދާޅުވެފައިވެ އެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ޓްރާންސްޕްލާންޓް ސާޖަނުން ކަމަށްވާ މަނީޝް ވަރުމާ އާއި ކަމްލޭޝް ބޯކްލީގެ ޓީމުން މި ސާޖަރީ ހެދީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
ޑރ. ޝީތަލް ވިދާޅުވި ގޮތުގައި މިފަހަރު ޓްރާންސްޕްލާންޓް ހަދައިދިން މީހާއަށް ހެޕަޓައިޓީސް ބީ ޖެހިގެން ލިވާ ހަލާކުވެގެން ވަރަށް ސީރިއަސް ހާލަތެއްގައި އޮންނަތާ އަށް މަސް ދުވަސް ވެއްޖެ އެވެ. ވަރަށް އަވަހަށް އޭނާގެ ލިވާ ބަދަލުނުކުރެވިއްޖެ ނަމަ ފުރާނަ ހިނގައިދާނެކަމުގެ ބިރު އޮތަސް މަރުވާ މީހެއްގެ ލިވާއެއް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރުން ނޫން ގޮތެއް އެމީހާއަކަށް ނެތެވެ. އެ ދަނޑިވަޅުގައި އެމީހާގެ ފިރިހެން ދަރިފުޅު ބައްޕަގެ ފުރާނަ ސަލާމަތްކުރުމަށް ލިވާގެ ބައެއް ހަދިޔާކުރަން ނިންމީ އެވެ.
މިފަދަ ގޮތަކަށް ލިވާ ބަދަލު ކުރުމަކީ މީގެ ކުރިން ކޮށްފައިވާ ކަމަކަށް ނުވާތީ މިކަމުގައި އޮތް ނުރައްކާ ވަރަށް ރަނގަޅަށް އެ ދެބަފައިންނަށް ކިޔައިދެވުނެވެ. ނަމަވެސް ދަރިފުޅު ބޭނުންވީ ކޮންމެގޮތަކުން ނަމަވެސް ބައްޕަގެ ފުރާނަ ސަލާމަތް ކޮށްދޭށެވެ.
މިދެބަފައިންނަކީ ކުޑަކުޑަ ފާސްޓްފުޑް ޖޮއިންޓެއް ހިންގާ ބައެކެވެ. އެހެންކަމުން މިފަދަ ބޮޑު ޓްރާންސްޕްލާންޓަކަށް ޚަރަދުކުރާނެ ފައިސާއެއްވެސް އެމީހުން އަތަކު ނެތެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ސޯޝަލް ވާކް ޑިޕާޓްމަންޓުން ކުރި މަސައްކަތުން މި ޓްރާންސްޕްލާންޓަށް ބޭނުންވާ ފައިސާވެސް ހޯދި އެވެ.
ޑޮކްޓަރު ވިދާޅުވީ ލިވާ ހަދިޔާކުރި މީހާއަށް ލިވާ އަލުން އުފެދި ހަމަޖެހެން ނަގާ މަހެއްހާ ދުވަހުގެ ތެރޭގައި ވިޓަމިން ސަޕްލިމެންޓްސް ކާން ޖެހޭނެ ކަމަށެވެ. މަހެއްހާ ދުވަހުން، އޭނާގެ ލިވާއިން ނެގި ބައިން ކުރިން ހުރި ވަރަށް އުފެދޭނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ލިވާ ޓްރާންސްޕްލާންޓްކުރި މީހާއަށް މުޅި އުމުރަށް ވެސް އެންޓި-ރިޖެކްޝަން ބޭސް ބޭނުންކުރަން ޖެހޭނެ އެވެ. ސަބަބަކީ ޓްރާންސްޕްލާންޓް ކޮށްފައިވާ ލިވާ ހަށިގަނޑުން ގަބޫލުނުކުރުމުގެ ފުރުސަތު ނުދިނުމަށެވެ.
ރޫބީ ހޯލް ކްލިނިކްގެ ސީއީއޯ ބޯމީ ބޯޓޭ ވިދާޅުވީ ދިރިހުރި ޑޯނާ ހަދިޔާކުރާ ލިވާ ޓްރާންސްޕްލާންޓް ކޮށްދިނުން އިންޑިޔާގައި މިހާރު މަދުމަދުން ކުރަމުން އަންނަ ކަމަށެވެ. އަދި އަހަރަކަށް ވުރެ އަހަރެއް މިފަދަ ޓްރާންސްޕްލާންޓް ހަދައިދިނުން އިތުރުވެގެންދާނެކަމަށް އޭނާ ޔަގީން ކުރެ އެވެ.
މިއީ ލިވާ ބަލިތަކުގެ އެންމެ ފަހު ސްޓޭޖަށް ގޮސް ފުރާނައަށް ނުރައްކާވެފައިވާ ގިނަ ބަޔަކަށް ލިބުނު އުންމީދެކެވެ. ލިވާއެއް ލިބިދާނެކަމަށް ވެއިޓިން ލިސްޓުގައި ޖައްސައިގެން އިންތިޒާރުގައި ތިބެ މަރުވެގެންދާ ގިނަ ބަޔަކަށް ފުރާނަ ސަލާމަތްކުރަން ލިބުނު ފުރުސަތެކެވެ.
ދިރިހުރި މީހެއްގެ ލިވާ އެހެން މީހަކަށް ޓްރާންސްޕްލާންޓްކޮށްދެވޭނީ އެ ދެ މީހުންނަކީ ލޭގެ ގުޅުން ހުރި ބަޔަކަށް ވެއްޖެ ނަމަ އެވެ.