ހަރަމައިން އެކްސްޕްރެސް ރޭލް ފުރަތަމަ ފަހަރަށް ޖިއްދާ އަށް
ހަރަމައިން އެކްސްޕްރެސް ރޭލް ފުރަތަމަ ފަހަރަށް ޖިއްދާ އަށް

ޖިއްދާ (ޖުލައި 20) - ސައުދީ އަރަބިއާގެ ދެ ހަރަމްއާ ދެމެދު އަވަސް ދަތުރުތައް ކުރުމަށް ގާއިމްކުރާ ހަރަމައިން އެކްސްޕްރެސް ރޭލް ފުރަތަމަ ފަހަރަށް ޖިއްދާ އަށް ހިނގައްޖެ އެވެ.

ރޭލް ޖިއްދާ އަށް ދިޔައީ ޓެސްޓް ދަތުރެއްގައި ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީ (ކޭއޭއީސީ) އިންނެވެ.

ހަރަމައިން އެކްސްޕްރެސް ރޭލް ގާއިމް ކުރަނީ މައްކާ އާއި މަދީނާ، ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓް އަދި ކޭއޭއީސީ ގުޅުވާލެވޭ ގޮތަށެވެ.

ސައުދީގެ ޕަބްލިކް ޓްރާންސްޕޯޓް އޮތޯރިޓީ (ޕީޓީއޭ) ގެ ޗެއާމަން އަދި ސައުދީ ރޭލްވޭސް އޯގަނައިޒޭޝަން (އެސްއާރުއޯ) ގެ ވަގުތީ ރައީސް ރުމައިހް ބިން މުހައްމަދު އަލް ރުމައިހު ވިދާޅުވީ މި އަހަރު ނިމޭއިރު ރޭލްވޭ ފުރިހަމަ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. މި ޕްރޮޖެކްޓަށް ސައުދީން 62 ބިލިއަން ރިޔާލް (16.5 ބިލިއަން ޑޮލަރު) ޚަރަދު ކުރެ އެވެ. ހަރަމައިން އެކްސްޕްރެސް ރޭލްވޭ ޑިޒައިންކޮށްފައި ވަނީ 35 ރޭލުގައި އަހަރަކު 60 މިލިއަން ޕަސިންޖަރުންނަށް ދަތުރު ކުރެވޭ ގޮތަށެވެ.

ހަރަމައިން އެކްސްޕްރެސް ރޭލް މިދިޔަ މަހު ވަނީ ޓެސްޓްކޮށްފަ އެވެ. ކޭއޭސީިން މަދީނާ އަށް ކުރި ޓެސްޓް ދަތުރުގައި ގަޑިއަކު 300 ކިލޯ މީޓަރަށް ރޭލު ދަތުރުކޮށްފައިވެ އެވެ. މައްކާ އާއި މަދީނާ ދެމެދު ހަރަމައިން ރޭލުގައި ކުރާ ދަތުރަށް ހޭދަވާނީ ދެ ގަޑިއިރެވެ.