ކުރު ހެދުންލީ ސައުދީ އަންހެން ކުއްޖާ އަށް ދައުވާނުކޮށް، ދޫކޮށްލައިފި
ކުރު ހެދުންލީ ސައުދީ އަންހެން ކުއްޖާ އަށް ދައުވާނުކޮށް، ދޫކޮށްލައިފި

ރިޔާޒް (ޖުލައި 20) - ކުރު ހެދުމެއް ލައިގެން ސައުދީގެ ރަށެއްގެ މަގެއްގައި ހިނގާފައި ދަމުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރި އަންހެން ކުއްޖާ ސައުދީ ފުލުހުން ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާ، ދޫކޮށްލައިފި އެވެ.

ސުވާލު ކުރުމަށްޓަކައި އެ އަންހެން ކުއްޖާ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އަދި އެ މައްސަލަ ވަނީ ޕްރޮސެކިއުޓަރުންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އިންފޮމޭޝަން މިނިސްޓްރީން ބުނީ އެ މައްސަލައިގައި ދައުވާ ނުކުރަން ޕަބްލިކް ޕްރޮސެކިއުޓާ ވަނީ ނިންމާފައި ކަމަށެވެ. އަދި އެ ވީޑިއޯ އަޕްލޯޑްކުރީ އަންހެން ކުއްޖާ އަށް އެނގިގެން ނޫން ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އަންހެން ކުއްޖާ ވަނީ ސައުދީގެ ތާރީޚީ ރަށެއް ކަމަށްވާ ނަޖްދު ޕްރޮވިންސްގެ އުޝައިގިރުގެ މަގެއްގައި އޭނާ މޮޑެލް ކުރަމުންދާ މަންޒަރު ސްނެޕްކޮށްފަ އެވެ. މި ވީޑިއޯ ފުރަތަމަ ސްނެޕްޗެޓުގައި ޝެއާކުރީ މޮޑެލް ޚުލޫދު ކިޔާ މީހެކެވެ. ބައެއް މީހުން ވަނީ ސައުދީގައި އޮންނަ ހަރުކަށި ޑްރެސް ކޯޑާ ޚިލާފުވެފައިވާތީ އޭނާ ހައްޔަރު ކުރަން ގޮވާލައިފަ އެވެ. އަނެއް ބަޔަކު ވަނީ އޭނާގެ ހިތްވަރަށް ތައުރީފް ކޮށްފަ އެވެ.

އަންހެން ކުއްޖާ ވަނީ ފިރިހެން ބެލެނިވެރިއަކާ އެކު އުޝައިގިރަށް ދިޔަ ކަމަށް އެއްބަސްވެފަ އެވެ.

ރިޔާޒުގެ ފުލުހުންނާ ހަވާލާދީ ސައުދީ ނޫސްތަކުން ބުނީ ވީޑިއޯ އަޕްލޯޑް ކުރި ކަމަށް އެ އަންހެން ކުއްޖާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އެ ސްނެޕް އެކައުންޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ވެސް އަންހެން ކުއްޖާ ބުނެފައިވެ އެވެ.

ނަޖްދު ޕްރޮވިންސް އަކީ ސައުދީ ކޮންޒަވެޓިވް ސަރަހައްދެކެވެ. ޓްވިޓާގައި ޚިޔާލު ފާޅުކުރި ސައުދީގެ ބައެއް މީހުން ވަނީ އެ ޕްރޮވިންސް އަށް ވެސް ދީނީ ފުލުހުން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ސައުދީ އަރަބިއާގައި އާއްމު ތަންތަނުގައި އަންހެނުން އުޅޭ އިރު ލައިގެން އުޅެނީ ބުރުގާއާ އެކު އަބާޔާ އެވެ. ސައުދީގައި އަންހެނުން ކާރު ދުއްވުމަކީ ވެސް މަނާކަމެކެވެ.