މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލައިފި
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެ މައްސަލަ ބާތިލު ކުރީ، މައްސަލަ ހުށަހެޅި އެއް މެމްބަރެއް ކަމަށްވާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއި އަނބުރާ ގެންދަވާފައިވާކަން މަޖިލީހަށް އަންގާފައިވާތީ އާއި، އެ މައްސަލަ ހުށަހެޅުއްވިއިރު ސޮއި ކުރެއްވި އެހެން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާތީ ކަމަށެވެ.

"އަބްދުﷲ މަސީހު މުހަންމަދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ އަދަދު އުނިވެފައިވާތީ، މިހާރު އެ މައްސަލަ ބާތިލު ވެފައިވާ ވާހަކަ ދެންނެވީމެވެ،" ސިޓީގައި ވެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވެއްދީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، މި މައްސަލަ ހުށަހެޅުއްވުމުގައި ސޮއިކުރެއްވި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދު ލަތީފު މުހަންމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު ޕީޕީއެމުން މީގެ ދެ ރޭ ކުރިން ވަނީ ވަކިކޮށްފަ އެވެ. އެހެންވެ، އެ މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.