21 ޖުލައި 2017 - 07:29

ޝާހްރުކް ޚާން ވަރަށް ރޮމެންޓިކް ރޯލެއް ކުޅޭ "ޖަބް ހެރީ މެޓް ސޭޖަލް" ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނައިރު މިއީ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ފިލްމެއްގައި ޝާހްރުކް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. މި ފިލްމުގެ ބަތަލާ އަނުޝްކާ ޝަރުމާއާ އެކު އޭނާ ކުޅޭ ތިން ވަނަ ފިލްމެވެ. މީގެ ކުރިން އަނުޝްކާ އާއި ޝާހްރުކް ވަނީ "ރަބް ނޭ ބަނާ ދީ ޖޯޅީ" އާއި "ޖަބް ތަކް ހެ ޖާން" ކުޅެފަ އެވެ.
ޝާހްރުކް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާ އިމްތިޔާޒާ އެކު މަސައްކަތް ކުރަން ހުރީ ބޭނުންވެފަ އެވެ. ނަމަވެސް ފުރަތަމަ އޭނާ ގެނައި ސްކްރިޕްޓާ ހިތްހަމަ ނުޖެހިގެން، ލޯބީގެ ފިލްމެއްގެ ސްކްރިޕްޓެއް ނެތްތޯ ސުވާލު ކުރުމުން "ޖަބް ހެރީ މެޓް ސޭޖަލް"ގެ ސްކްރިޕްޓް ކިޔައިދޭން ފެށި ކަމަށާއި ވިއްސަކަށް މިނެޓް ކިޔައިދިން އިރަށް އެ ސްކްރިޕްޓާ ގަޔާވެ އާއެކޭ ބުނި ކަމަށް ޝާހްރުކް ބުންޏެވެ.
ޝާހްރުކް ބުނި ގޮތުގައި އިމްތިޔާޒަކީ އޭނާއަށް ވުރެ ހަގު ނަމަވެސް ވަރަށް ކުޅަދާނަ ޑައިރެކްޓަރެކެވެ. އެހެންވެ މިފަހަރު ބޭނުންވީ އިމްތިޔާޒާއެކު ވަރަށް އުފާވެރި ރޮމެންޓިކް ފިލްމެއްގެ މަސައްކަތް ކޮށްލާށެވެ.
"އަހަރެން މިހާތަނަށް ކުޅެފައިވާ ލޯބީގެ ފިލްމުތަކާ އިމްތިޔާޒު އުފައްދާފައިވާ ލޯބީގެ ފިލްމުތަކާ ވަރަށް ތަފާތު. އެހެންވެ އަހަރެން އޭނާގެ ލޯބީގެ ފިލްމެއްގައި މަސައްކަތްކުރަން ބޭނުންވީ. އިމްތިޔާޒުގެ ލޯބީގެ ފިލްމުތަކުގައި ހިތަށް އަސަރުކުރުވާ ކަހަލަ ގޮތްތަކެއް ހުރޭ،" ޝާހްރުކް ބުންޏެވެ.
އަނުޝްކާއާ ބެހޭ ގޮތުން ޝާހްރުކް ބުނީ އަނުޝްކާގެ ކިބައިގައި އޭނާއަށް ވަރަށް ކަމުދާ ކޮލިޓީތަކެއް ހުންނަ ކަމަށެވެ. އަދި އަނުޝްކާ ޕްރޮޑިއުސްކުރާ ފިލްމުތަކަށް ބަލާއިރު ވެސް ވަރަށް ހިތާ ކުޅެލާ ކަހަލަ ގޮތްތަކެއް އެ ފިލްމުތަކުގައި ހުރި ކަމަށް ޝާހްރުކް ބުންޏެވެ. އަދި އަނުޝްކާ އަކީ ވަރަށް އެކުގައި މަސައްކަތްކުރަން ފަސޭހަ ބަތަލާއެއް ކަމަށާއި ސެޓުގައި ކިތަންމެ ގިނަ ވަގުތެއް ވިޔަސް އެމީހުން އެކަކު އަނެކަކު ދެކެ ފޫހިވެގެން އުޅެން ނުޖެހޭ ކަމަށާއި ކޮންމެ މީހަކާ ވެސް ގުޅިގެން ވަރަށް ފަސޭހައިން އުޅެން އަނުޝްކާ އަށް އެނގޭ ކަމަށް ޝާހްރުކް ބުންޏެވެ.