20 ޖުލައި 2017 - 11:27

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހަމަކުރަންޖެހޭ ފަނޑިޔާރުންގެ ހަތަރު މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ހައި ކޯޓަށް އިތުރު ހަތަރު ފަނޑިޔާރުން ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައިވާތީ އާއި އެ އިސްލާހު ގެނައުމުގެ ކުރިން ވެސް އެ ބެންޗުން ދެ މަގާމެއް ހުސްވެފައި އޮތުމުންނެވެ. އެ އިސްލާހު ގެނައުމުގެ ކުރިން ހައި ކޯޓުގައި ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ.
ހައި ކޯޓަށް ފަނޑިޔާރުން ހޯދުމަށް އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން އަށް މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އިންޓަވިއު އަށް ހާޒިރުވީ ހަ މީހުންނެވެ.
އެ މީހުންނާ އިންޓަވިއު ކުރުމަށް ފަހު، އޭގެ ތެރެއިން ހައި ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި ޖޭއެސްސީގެ މެމްބަރުންގެ މެދުގައި އިއްޔެ ނެގި ވޯޓުގައި، އެއްވެސް ފަނޑިޔާރަކަށް، ޖޭއެސްސީގެ މެމްބަރުންގެ އަޣުލަބިއްޔަތުގެ ތާއީދެއް ނުލިބުނެވެ. އެހެންކަމުން ހައި ކޯޓަށް ފަނޑިޔާރުން ހޯދުމަށްޓަކައި މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމެވެ.
ހައި ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކަކާ އެކު މަހަކު 54،000ރ. ލިބޭ އިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.