20 ޖުލައި 2017 - 11:23

ވޮޝިންޓަން (ޖުލައި 20) - އެމެރިކާގެ ސެނެޓުގެ ތަޖްރިބާކާރު މެންބަރު އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް ޖޯން މެކްކޭނަށް ސިކުނޑީގެ ކެންސަރު ޖެހިފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ހާމަކޮށްފި އެވެ.

ޑޮކްޓަރުން ބުނީ 80 އަހަރުގެ މެކްކޭނަށް ދޭ ފަރުވާގެ ތެރޭގައި ކީމޯތެރަޕީ އާއި ރޭޑިއޭޝަން ހިމެނޭ ކަމަށެވެ. އަދި މެކްކޭން ހުންނެވީ ވަރުގަދަ އަޒުމެއްގައި ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެ އެވެ.
މެކްކޭންގެ ސިކުނޑީގައި ޓިއުމަރެއް އިންކަން ފާހަގަވީ ވާތު ލޮލުގެ ތެރޭގައި އިން ގަނޑުލޭ ކޮޅެއް ނަގަން މިދިޔަ ހަފުތާގައި ކުރި އޮޕަރޭޝަނެއްގެ ތެރޭގަ އެވެ. ސެނެޓުގެ ހަ ދައުރު ފުރިހަމަ ކުރައްވާފައިވާ އަދި 2008 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓުގެ އޮޕަރޭޝަން މިދިޔަ ހުކުރު ދުވަހު ކުރީ އެރިޒޯނާ ސްޓޭޓުގެ ފީނިކްސްގެ މާޔޯ ކްލިނިކުގަ އެވެ. ޓިޝޫ އެނަލިސިސް އިން އެނގިފައި ވަނީ ގަނޑުލޭ ކޮޅު އުފެދިފައި ވަނީ ޓިއުމާ ނުވަތަ ގްލިއޮބްލާސްޓޮމާގެ ސަބަބުން ކަމެވެ.
އެރިޒޯނާ ސްޓޭޓުގެ ގަވަރުނަރު ފާހަގަ ކުރެވިފައި ވަނީ ވަރަށް މިނިވަން ޚިޔާލުގެ ބޭފުޅެއްގެ ގޮތުގަ އެވެ. ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ހަނގުރާމައިގެ ތެރޭގައި އަތުލައިގަތުމަށް ފަހު ފަސް އަހަރު ޖަލުގައި ބޭއްވި އެވެ. އޭގެ ތެރޭން ދެ އަހަރު ޖަލުގައި އޮތީ އެކަންޏެވެ. ޖަލުގައި މެކްކޭން ބަންދުކުރީ ނޭވީ ޕައިލެޓެއްގެ ގޮތުގައި އުދުހެމުން ދަނިކޮށް ބަޑިޖަހާ ބޯޓު ވައްޓާލުމަށް ފަހު އެވެ. ޖަލުގައި ވަރަށް ބޮޑެތި އަނިޔާތައް މެކްކޭނަށް ދީފައިވެ އެވެ. މިހާރު ވެސް އެމަނިކުފާނުގެ ދެ އަތް ބޮލަށްވުރެ މައްޗަކަށް ނުހިއްލެ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެކްކޭން އަކީ ހިތްވަރުގަދަ ޝަހުސިއްޔަތެއް ކަމަށް ސިފަ ކުރައްވާ އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ. ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ މެކްކޭން އަކީ އެމެރިކާގެ ވަރުގަދަ ބަތަލެއް ކަމަށާާއި އަދި އެއީ އެމަނިކުފާނަށް ފާހަގަވި އެންމެ ހިތްވަރުގަދަ އެއް ފަހުލަވާން ކަމަށެވެ.