20 ޖުލައި 2017 - 11:41

ވޮޝިންޓަންގައި ކުރިއަށްދިޔަ އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ މަޝްވަރާތައް އެއްވެސް އެއްބަސްވުމަކާ ހަމައަށް ނުދެވި ނިންމާލައިފި އެވެ.
ވާހަކަތައް ނާކާމިޔާބުވުމާ މެދު އެއްވެސް ގައުމަކުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. ބައްދަލުވުމަށް ފަހު ބާއްވަން ހަމަޖެއްސި ނޫސްވެރިންގެެ ބައްދަލުވުން ވެސް ފަހު ވަގުތު ވަނީ ކެންސަލް ކޮށްފަ އެވެ.
ޗައިނާގެ ވިޔަފާރި އެމެރިކާގައި މާ ބޮޑަށް ފުޅާވެފައި ވާތީ، ވިޔަފާރީގެ ހަމަމަ ފުރުސަތެއް ލިބޭ އެއްބަސްވުމެއް އެކުލަވާލަން އެމެރިކާ އިން ބޭނުންވެ އެވެ. އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަންޕް ހަވާލުވެވަޑައިގެން ފަހުން އެމެރިކާއިން އެކަމަށް މާ ބޮޑަށް އަންނަނީ ބާރު އަޅަމުންނެވެ.
ޗައިނާ އިން އެމެރިކާއާ ކުރާ ވިޔަފާރީގެ މުއާމަލާތުތައް، އެމެރިކާ އިން ޗައިނާއާ ދެމެދު ހިންގާ ވިޔަފާރިތަކަށް ވުރެ 347 ބިލިޔަން ޑޮލަރު މައްޗެވެ.
ދެ ގައުމުގެ ވިޔަފާރި ހަމަހަމަ ނުކުރާ ނަމަ ޗައިނާއިން އެމެރިކާ އަށް އެތެރެކުރާ ސްޓީލުން ޓެރިފް ނަގަން ޖެހިދާނެ ކަމަށް ބުނެ އެމެރިކާއިން ވަނީ އިންޒާރު ވެސް ދީފަ އެވެ. ސްޓީލުން ޓެރިފް ނަގަން ޖެހިދާނެ ކަމަށް އެމެރިކާ އިން ބުނި އިރު، ޗައިނާއިން ގެންދަނީ ބާޒާރަށް މާ ގިނައިން ސްޓީލް ނެރުމުންނެވެ. އޭގެ ސަބަބުން އެމެރިކާގެ ސްޓީލް ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އެމެރިކާގެ ކުންފުނިތަކުން ޗައިނާ އަށް ވިއްކާ މުދަލަށް ސަރުކާރުން ސަބްސިޑީ ދޭން މަޝްވަރާކުރާނެ ކަމަށް، މިފަހަރުގެ ވާހަކަތައް ފެށުމުގެ ކުރިން ހާމަވި އެވެ. ނަމަވެސް ވާހަކަތަކުން ނަތީޖާއެއް ނުނިކުތުމުން ސަބްސިޑީގެ ކަންކަމާ މެދު ނިންމި ގޮތެއް އަދި ސާފެއް ނުވެ އެވެ.