ވަންޕްލަސް 5 ގައި ކޫސަނި މައްސަލަތަކެއް
ވަންޕްލަސް 5 ގައި ކޫސަނި މައްސަލަތަކެއް

ވަންޕްލަސް 5 ގައި އުޅޭ ނަމަ އުޅޭ މައްސަލަ އަކީ އާދައިގެ ކަމެއް ކަމަށް އެ ކުންފުނިން ސިފަކުރެ އެވެ. ސަބަބަކީ އެއިން މައްސަލައަކާ ހެދި ފޯނުގެ ބޭނުން ނުކެނޑުމެވެ. މައްސަލައަކަށް ވާނީ ބޭނުން ނުކުރެވޭ ވަރަށް ފޯނުގެ ހާލަތު ގޯސްވުމެވެ.

ވަންޕްލަސް 5 ގައި ފުރަތަމަ ޖެހުނު މައްސަލަ އަކީ "ޖެލީ ސްކްރޯލިން" އެވެ. ވަންޕްލަސް 5ގެ ޑިސްޕްލޭގައި އިނގިލި ޖައްސައި މައްޗަށް ކޮށްޕާލުމުން، ސްކްރީންނުން ފެންނަ މަންޒަރު ޖެލީގަނޑެންހެން ދެމިގަނެ އެވެ. އެކަން ވަނީ ބަލަން އުނދަގޫ ކަމަކަށެވެ. ލޮލަށް ފަސޭހަ ނޫން އެނިމޭޝަނެއް ގޮތަށް ފެންނާތީ އެއީ އާދަޔާ ޚިލާފު ކަމެއް ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. އެކަމާ ގުޅިގެން ޝަކުވާކުރުމުން ވަންޕްލަސް އިން ބުނީ އެއީ އާދައިގެ ކަމެއް ކަމަށެވެ.

ވަންޕްލަސް 5 ގައި އޯޑިއޯ މައްސަލައެއް ވެސް އުޅެ އެވެ. އެކަން މިހާރު ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ. އެއީ މައްސަލައެއް ގޮތުގައި ފާހަގަވުމަށް ގިނަ ދުވަސްތަކެއް ނެގުން ވެސް އެކަށީގެން ވެ އެވެ. ސަބަބަކީ ފޯނުގައި އިންނަ ސްޕީކަރުން އަޑު އަންނައިރު އެ މައްސަލަ ފާހަގަނުކުރެވުމެވެ. ވަންޕްލަސް 5 ގައި އިންނަނީ އެންމެ ސްޕީކަރަކަށް ވާތީ އެވެ.

އޯޑިއޯ މައްސަލައެއް ފޯނުގައި އުޅޭކަން އެނގެނީ ހެޑްފޯނު ޖަހައިގެން ބޭނުންކުރަން ފެށުމުންނެވެ. ސްމާޓްފޯނުތަކުގެ އޯޑިއޯ، ޗެނަލްތަކަކަށް ބަހާފައި ހުންނައިރު، އަޑު އިވުމުގައި ސްކްރީނުން ފެންނަ މަންޒަރަށް އަޑުއަޅާފައި ހުންނަ ގޮތް ވަރަށް މުހިންމެވެ. މިސާލަކަށް މަތިންދާބޯޓެއް ދާ މަންޒަރު ސްކްރީންގެ ކަނާތް ފަރާތުން ފެންނަ ނަމަ، އޭގެ އަޑު ބާރަށް އިވޭނީ ކަނާތު ކަންފަތަށެވެ. ވަންޕްލަސް 5 ގައި އެކަން ދިމާވަނީ އިދިކޮޅަށެވެ. ކަނާތު ކަންފަތަށް އިވެންޖެހޭ އަޑު އިވެނީ ވާތު ކަންފަތަށެވެ. އަދި ވާތު ކަންފަތަށް އިވެންޖެހޭ އަޑު ކަނާތު ކަންފަތަށެވެ.

ފޯނު ބޭނުންުރާ މީހުން ބުނާ ގޮތުގައި، ސްކްރީން ކޮޅުކޮޅަށް އަނބުރާލުމުން ބައެއް ފަހަރު އެކަން ރަނގަޅުވެ އެވެ.

ވަންޕްލަސް 5 ގައި އަނެއްކާ ވެސް އެހެން މައްސަލައެކެވެ. މި މައްސަލަ ދިމާވަނީ ވަންޕްލަސް 5ގެ ބައެއް ފޯނުތަކަކަށް ކަމަށް ވެ އެވެ. ފޯނު ބޭނުންުރާ މީހުން ބުނާ ގޮތުގައި 911 އަށް ގުޅާލުމުން، ފޯނު ނިވި އަލުން ސްޓާޓްވެ އެވެ. ވަންޕްލަސް 5 އޮޓަމެޓިކުން ރީބޫޓްވަނީ އެވެ.

ވަންޕްލަސް ކުންފުނިން ބުނާނީ މިއީ ވެސް އާދައިގެ ކަމެއް ކަމަށެވެ. އެކަމަކު ތަނެގައި ހުޅުހިފައިގެން އުޅޭއިރު އެމެޖެންސީ ޚިދުމަތް ހޯދާނީ ކިހިނެއް ހެއްޔެވެ؟ މިއީ ވަންޕްލަސް އަށް ކޫސަނި ކަމެއް ނަމަވެސް، ފޯނު ބޭނުންކުރާ މީހުންނަށް ސީރިއަސް މައްސަލައެކެވެ.