20 ޖުލައި 2017 - 10:49

އިސްލާމްއާބާދު (ޖުލައި 20) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ކޮރަޕްޝަނުގެ މައްސަލަ ޚާއްސަ ކޮމިޝަނަކުން ތަހުގީގު ކުރުމަށް ފަހު ހުށަހެޅި ރިޕޯޓް ސުޕްރީމް ކޯޓުން ބަލަން ފަށައިފި އެވެ.

މި މައްސަލައިގައި ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ދަައުވާކޮށް ނުވަތަ އޭނާ މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓުން ނިންމުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ މި މައްސަލަ ދޫކޮށްލުމަކީ ވެސް އެކަށީގެންވާ ކެމެކެވެ.
އެކަމަކު ނަވާޒް ޝަރީފުގެ ވަކީލުންނަށް ކޯޓުން ދަނީ ވަރުގަދަ ސުވާލުތައް ކުރިމަތި ކުރަމުންނެވެ. ނަވާޒް ޝަރީފުގެ އާމްދަނީގެ ޓެކްސްގެ ނިސްބަތަށް ބަލާ އެމަނިކުފާނުގެ މުއްސަނދިކަން ސާބިތު ކޮށްދިނުމަށް ކޯޓުން ވަނީ އެދިފަ އެވެ. ގަލްފުގެ ގައުމުތަކާއި ލަންޑަނުގައި ނަވާޒް ޝަރީފާއި އެމަނިކުފާނުގެ އާއިލާގެ ވިޔަފާރި ހިންގަ އެވެ. ނަވާޒް ޝަރީފުގެ ވަކީލުން ވިދާޅުވަނީ ލަންޑަނުގައި ހުރި ފްލެޓްތަކުގެ ވެރިފަރާތަކީ ނަވާޒް ޝަރީފް ކަމަށް ޕެނަމާ ޕޭޕާސް އިން ބުނެފައި ނުވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރި ޕެނަލުން ވެސް ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ހެކި ސާބިތުކޮށްފައި ނުވާ ކަމަށެވެ.
ލަންޑަނުގެ ޕާކް ލޭންގައި ނަވާޒް ޝަރީފުގެ އާއިލާގެ އަގު ބޮޑު ހަތަރު ފްލެޓް ހުރެ އެވެ. އަދި ސައުދީ އަރަބިއާ އާއި ދުބާއީގައި ވިޔަފާރި ހިންގަ އެވެ.
ތަހުގީގު ކޮމިޝަނުގެ 254 ސަފުހާގެ ރިޕޯޓާ ގުޅިގެން ނަވާޒް ޝަރީފް ވިދާޅުވެފައި ވަނީ ގާނޫނާޚިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ވަނީ 67 އަހަރުގެ ނަވާޒް ޝަރީފް އިސްތިއުފާ ދެއްވުމަށް ގޮވާ މުޒާހަރާ ކުރަން ފަށައިފަ އެވެ.
ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅި މައްސަލައިގައި ނަވާޒް ޝަރީފް މަގާމުން ދުރުނުކުރީ ކިރިޔާ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 2-3 ގެ އަޣުލަބިއްޔަތުން އެ ފަހަރު ނިންމީ ނަވާޒް ޝަރީފް މަގާމުން ދުރު ކުރުމުގެ ބަދަލުގައި ޚާއްސަ ކޮމިޓީއަކުން މައްސަލަ ބެލުމަށެވެ. ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުގެ ނަމުގައި އުފެއްދި ޕެނަލުގައި ހަ މެންބަރުން ތިބެ އެވެ.
ޕެނަމާ ޕޭޕާސްގެ ތަހުގީގުގެ މައްސަލައިގައި ނަވާޒް ޝަރީފު މިދިޔަ ހަފުތާގައި ވަނީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ ކޮރަޕްޝަނުގެ ރިޕޯޓާ ގުޅިގެން ސަރުކާރުން ކަންތައް ކުރާނެ ގޮތް ކެބިނެޓުން ފާސްކުރުމެވެ.
ބޮޑު ވަޒީރުކަމުގެ ތިން ވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ ނަވާޒް ޝަރީފް ހުންނެވީ އިސްތިއުފާ ދެއްވަން ތައްޔާރަށް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޕެނަމާ ޕޭޕާސް އިން ވަނީ ނަވާޒް ޝަރީފުގެ އަންހެން ދަރިކަނބަލަކާއި ފިރިހެން ދެ ބޭފުޅުން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ވިޔަފާރި ކުރަމުންދާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ލަންޑަނުން ބިން ގަނެ ވިޔަފާރި ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.