20 ޖުލައި 2017 - 12:53

މޯލްޑިވިއަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ އިހުމާލުން އެތާނގެ ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މޯލްޑިވިއަންގެ ކޮމާޝަލް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކު ވަނީ 500،000 އަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވެފަ އެވެ. މޯލްޑިވިއަނުން ވެސް ވަނީ މި ފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
އެތަނުގެ އޮފިޝަލަކު ވިދާޅުވީ މުވައްޒަފެއްގެ އިހުމާލުން ފައިސާތަކެއް ގެއްލުނު މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެކަމަކު ތަހުގީގު ނުނިމޭތީ އެއީ ކިހިނެއް ހިނގާފައިވާ ކަމެއްކަން ބުނެވެން ނެތް ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ކަމުގައި ބައިވެރިވެފައިވާ ހަމައެކަނި މުވައްޒަފު، ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އަންހެން މުވައްޒަފު އެ ފައިސާތައް ނަގާފައިވަނީ އޮފީހުގެ އެކިއެކި ސްޓާފުންގެ ލޮގިން ބޭނުން ކޮށްގެންނެވެ. އަދި ސިސްޓަމުން ޓިކެޓް ނަގައި، އެ ފައިސާ އޭނާ އަމިއްލަ އަށް ބޭނުން ކޮށްފައިވާ ކަމާއި އެކަންކަމާ ގުޅޭ ސޭލްސް ރިޕޯޓުތައް ވެސް އެޑިޓް ކޮށްފައިވާކަން އެނގިފައިވެ އެވެ.
ފުލުހުންނަށް ހުށަނާޅައި މޯލްޑިވިއަނުން މި މައްސަލަ ބަލަމުން އަންނަނީ އެ ތަނުގެ އިންޓާނަލް މައްސަލައެއްގެ ގޮތުގަ އެވެ.