20 ޖުލައި 2017 - 09:54

ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި އެވެ.
ފުވައްމުލަކުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުން އެ ޓީމު ފުރުސަތު ހޯދީ ފުރަތަމަ ސެމީ ފައިނަލުގައި އިއްޔެ ހަވީރު ޕޮލިސް ކްލަބާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސެޓުތައް ގެންދިޔައީ 25-22، 25-23، 18-25 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު ޓީމުގެ އައިމިނަތު އަރީޝާ އެވެ.
މި މެޗުން ބަލިވި ނަމަވެސް ޕޮލިހަށް އަދި އިތުރު ފުރުސަތެއް އޮންނާނެ އެވެ. ތިން ވަނަ ސެމީ ފައިނަލުގައި މިއަދު އެ ޓީމު ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލުގައި ފްރެންޑްސް ކްލަބް ފުނާޑާއި ދަ ފޭދޫ ސްޕޯޓްސް ކުޅެ މޮޅުވި ފުނާޑާ ދެކޮޅަށެވެ. މިއަދު މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.
ފުނާޑާއި ފޭދޫ އިއްޔެ ކުޅުނު މެޗު ފުނާޑް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-11، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފުނާޑުގެ އައިޝަތު ޝައްފަ އެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރެ އެވެ.