25 ޖޫން 2016 - 12:23

ލެންސް، ފްރާންސް (ޖޫން 25) - ސްޕެއިން ފަހަތަށް ޖައްސާލުމަށް ފަހު އެ ގްރޫޕްގެ އެއް ވަނަ ހޯދުމުން ކްރޮއޭޝިއާ އަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން އެނގެން ޖެހޭ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ޔޫރޯގެ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ކްރޮއޭޝިއާއާ ދެކޮޅަށް މިރޭ ނުކުތުމުގެ ކުރިން ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ އޭނާގެ ޓީމުން ދެ ވަނަ ބުރުގައި ބައްދަލުކުރަން ޖެހިފައިވަނީ އެންމެ ކުޅެން ބޭނުންނުވި ޓީމާ ދެކޮޅަށް ކަމަށެވެ.
"ކްރޮއޭޝިއާ އަކީ މިޔަރުތަކެއް ފަދަ ޓީމެއް. ހަގީގަތުގައި ދެ ވަނަ ބުރުގައި އަހަރެމެން ބޭނުމެއް ނޫން ކްރޮއޭޝިއާއާ ބައްދަލުކުރާން. އެކަމަކު ކުޅެން ޖެހުމުން އަހަރެމެންގެ ފެންވަރު ސާބިތުކޮށްދޭން ޖެހިފައިވާ ވަގުތު މިއީ. ކްރޮއޭޝިއާ އަކީ ވަރުގަދަ ޓީމެއް. ކޮންމެ ކޮންމެ ޓީމަކަށް ސްޕެއިން ބައްޔެއް ނުކުރެވޭނެ. ކްރޮއޭޝިއާ ވަނީ އެކަން ކޮށްފައި،" ސަންޓޯސް ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ސަންޓޯސް އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރަނގަޅު ފޯމެއްގައި ހުރުމެވެ.
"ރޮނާލްޑޯ ފޯމުގައި ހުންނައިރު އޭނާގެ ތަފާތު ދައްކައިގެން ރެއާލް މެޑްރިޑާއި ޕޯޗުގަލް އަށް ވަނީ ގިނަ މެޗުތަކެއް ކާމިޔާބު ކޮށްދީފައި. ބޮޑެތި މެޗުތަކުގައި ރޮނާލްޑޯގެ ތަފާތު ފެނޭ. ކްރޮއޭޝިއާ މެޗުގައި ރޮނާލްޑޯގެ ތަފާތު ފެންނާނެ،" ސަންޓޯސް ބުންޏެވެ.
ޕޯޗުގަލް ވަނީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ނަމަވެސް ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމަކީ ކްރޮއޭޝިއާ އެވެ. އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުން ބަލިނުވެ 10 މެޗު ހަމަކޮށްފަ އެވެ. އޭގެ ތެރެއިން އަށް މެޗުން މޮޅުވި އެވެ.
އަދި އެ ޓީމު ވަނީ ޔޫރޯގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެންމެ މެޗަކުން ފިޔަވައި ދެން ހުރިހާ މެޗެއްގައި ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުނީ 2012 ވަނަ އަހަރުގެ މުބާރާތުގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ކްރޮއޭޝިއާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ސްޕެއިން މެޗުގައި ނުފެނުނު ލުކަ މޮޑްރިޗް ފިޓްވުމެވެ. އެ ޓީމުގެ ކޯޗު އަންޓޭ ސަސިޗް ބުނީ މިރޭގެ މެޗުގައި 100 ޕަސެންޓް ފިޓްނުވާ ކުޅުންތެރިން ޓީމުގައި ނުހިމަނާނެ ކަމަށެވެ.
"އަހަރެންގެ ޓީމުން ޖާގަދޭނީ 100 ޕަސެންޓް ފިޓް ކުޅުންތެރިންނަށް. މޮޑްރިޗް ވެސް ކުޅޭނީ 100 ޕަސެންޓް ފިޓްވެއްޖެ ނަމަ. ސްޕެއިން އަތުން މޮޅުވިޔަސް ޕޯޗުގަލް މެޗު ފަސޭހަކޮށް ނުނަގާނަން. އެކަމަކު އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަންއާ އެކު އުނދަގޫ ގްރޫޕެއްގައި އޮވެ ގްރޫޕް އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރަށް ދެވުމުން ޓީމުގެ ކޮންފިޑެންްސް ބޮޑު،" ސަސިޗް ބުންޏެވެ.
އޭނާ ބުނީ ކްރޮއޭޝިއާ ކުޅުންތެރިންގެ ފެންވަރުގައި ކުޅެފިނަމަ މިއީ މޮޅުވެވޭނެ މެޗެއް ކަމަށެވެ.
ކްރޮއޭޝިއާ އާއި ޕޯޗުގަލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.