20 ޖުލައި 2017 - 09:10

ޓިއުރިން (ޖުލައި 20) – އާސެނަލްގެ ޕޮލެންޑް ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ 10 މިލިއަން ޕައުންޑުގެ އަގަކަށް ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.
މިދިޔަ ދެ ސީޒަން ލޯން އުސޫލުން ރޯމާ އަށް ކުޅުނު އުމުރުން 27 އަހަރުގެ ޝެޒްލީ ވަނީ ޔުވެންޓަސްއާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
ޔުވެންޓަސް އިން ޝެޒްނީ ގެނައީ ކުރިއަށް އޮތް ސީޒަނަށް ފަހު ރިޓަޔާކުރާނެ ކަމަށް ބެލެވޭ ޖިއަންލުއިޖީ ބުފޮންގެ ބަދަލަށެވެ. އެހެންކަމުން އަންނަ ސީޒަނުގައި ޝެޒްނީ އަށް މާގިނަ ފުރުސަތުތަކެއް ލިބިދާނެ ކަމަށް ނުބެލެވެ އެވެ. ބުފޮން ރިޓަޔާކުރަންވާއިރަށް ޔުވެންޓަސް އިން ޒުވާން ކީޕަރެއް ގެނައީ އެވެ.
ޝެޒްނީ އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ އެންމެ މޮޅު އެއް ކީޕަރެވެ. ރޯމާ އިން ލީގުގެ ދެ ވަނަ ހޯދިއިރު އޭނާ ވަނީ ބައިކޮޅަށް ގޯލެއް ވައްދާނުލާ 14 މެޗު ފުރިހަމަކޮށްފަ އެވެ. އެކަމަކު ލޯން މުއްދަތު ހަމަވުމުން އޭނާ ގަތުމުގެ ސީދާ ފުރުސަތެއް ރޯމާ އަށް ނެތެވެ.
ޝެޒްނީ ބުނީ ޔުވެންޓަސް އިން ފުރުސަތު ލިބުމުން ދެ ވަނަ ވިސްނުމަކަށް ނުދާ ކަމަށާއި އާ ޗެލެންޖަށް ތައްޔާރު ކަމަށެވެ.
"ޔުވެންޓަސް އަކީ އަހަރެންގެ ކެރިއަރު ދެން އޮތް ސްޓޭޖަށް އެންމެ ރަނގަޅު ކްލަބް،" ޝެޒްނީ ބުންޏެވެ. "މި ކްލަބަށް އާދެވުނީތީ ވަރަށް އުފާވޭ. އެއްވެސް ޕްރެޝަރެއް ނެތް."
އުމުރުން 27 އަހަރުގެ ޝެޒްނީ އަކީ އާސެނަލްގެ އެކަޑަމީން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމާ 2009 ވަނަ އަހަރު ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ޕޮލެންޑް ގައުމީ ޓީމަށް 28 މެޗު ކުޅެދީފަ އެވެ.
ޔުވެންޓަސް އިން ޝެޒްނީ ގެނައިއިރު އެ ޓީމުން ވަނީ ބްރެޒިލް ކީޕަރު ނެޓޯ ވެލެންސިއާ އަށް ވިއްކާލައިފަ އެވެ. މީގެ އިތުރުން އެ ޓީމުގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެފައިވާއިރު ޑެނިއަލް އަލްވެސް ވަނީ ޕީއެސްޖީ އަށް ގޮސްފަ އެވެ. ބަދަލުގައި ޔުވެންޓަސް އިން ވަނީ މިލާނުގެ ޑިފެންޑަރު މަޓިއާ ޑި ސިގްލިއޯ ގެނެސްފަ އެވެ.