20 ޖުލައި 2017 - 08:50

ލަންޑަން (ޖުލައި 20) – ޔޫރަޕުގެ އެންމެ ޑިމާންޑް ބޮޑު އެއް ފޯވާޑް ކަމަށްވާ ރެއާލް މެޑްރިޑުގެ އަލްވާރޯ މޮރާޓާ ގަތުމަށް ޗެލްސީން މެޑްރިޑާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީން މެޑްރިޑާ އެކު އެއްބަސްވީ 80 މިލިއަން ޔޫރޯ (92.2 މިލިއަން ޑޮލަރު) ގެ އަގަކަށް މޮރާޓާ ގަތުމަށެވެ. ދެ ކްލަބުން ވެސް މިހާރު ވަނީ އެއްބަސްވުމަކަށް އައިކަން އިއުލާންކޮށްފަ އެވެ. ދެން އޮތީ ޗެލްސީން މޮރާޓާއާ އެކު އެއްބަސްވުމަކަށް އައުމެވެ.
ޗެލްސީ ނެރުނު ބަޔާނެއްގައި ބުނީ މޮރާޓާގެ ޓްރާންސްފާއާ މެދު އެއްބަސްވުމަކަށް ރެއާލް މެޑްރިޑާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި މޮރާޓާއާ އެކު މުސާރަ އާއި އެހެނިގެން ކަންކަމާ މެދު އެއްބަސްވުމަކަށް އައިސް މެޑިކަލް ޓެސްޓުން ފާސްވުމުން ސޮއިކުރާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީން މޮރާޓާ އަށް ހުށަހަޅާފައިވަނީ ހަފުތާއަކު 150،000 ޕައުންޑުގެ މުސާރައެއް ލިބޭ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. އޭނާ ދެ ދުވަހެއްގެ ތެރޭގައި ޗެލްސީގެ މެޑިކަލް ޓެސްޓް ހަދާނެ ކަމަށް ބެލެވެ އެވެ.
މޮރާޓާ ގެންދިއުމަށް މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާނުން ވެސް މަސައްކަތްކުރި އެވެ. ދެ ކްލަބުން ވެސް އެ މަސައްކަތް ހުއްޓާލީ އަގުބޮޑުވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑުން އެވަޓަންގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ގެނައިއިރު، މިލާނުން މަސައްކަތްކުރަނީ ބޮރޫޝިއާ ޑޯޓްމަންޑުގެ ޕިއެރޭ-އެމެރިކް އޮބާމަޔަން ނުވަތަ ޓޮރިނޯގެ އަންދްރޭ ބެލޮއްޓީ ގެނައުމަށެވެ.
ޗެލްސީން އެންމެ ފުރަތަމަ މަސައްކަތްކުރީ ލުކާކޫ ގެނައުމަށެވެ. އޭގެ ފަހުން އޮބާމަޔަން އަށް ވެސް މަސައްކަތްކުރި އެވެ. ޗެލްސީން އާ ފޯވާޑެއް ހޯދީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ޑިއޭގޯ ކޮސްޓާ ދޫކޮށްލަން ކޯޗު އެންޓޯނިއޯ ކޮންޓޭ ނިންމުމުންނެވެ.
މޮރާޓާ ވަނީ ޗެލްސީގެ ކޯޗު ކޮންޓޭއާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. މޮރާޓާ ބުނީ ކޮންޓޭ ޔުވެންޓަސްގައި ހުރިއިރު އޭނާ އެ ކްލަބަށް ގެންދިއުން ވެގެންދިޔައީ އޭނާ އަށް ވެސް މަތީ ފަންތީގައި ކުޅެވޭނެކަން ގަބޫލުކުރެވުނު ސަބަބެއް ކަމަށެވެ.
މެޑްރިޑުގެ ޔޫތު ޓީމުގެ ކުރީގެ ކުޅުންތެރިއާ 2014 ވަނަ އަހަރު ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން 20 މިލިއަން ޔޫރޯގެ އަގަކަށް ޔުވެންޓަސް އަށް ބަދަލުވިއިރު އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކި އެވެ.
މެޑްރިޑުން މިދިޔަ އަހަރު އޭނާ އަލުން ގަތީ 30 މިލިއަން ޔޫރޯ އަށެވެ. ފުރަތަމަ އެގާރައިން އެކަށީގެންވާ ފުރުސަތު ނުލިބުނު ނަމަވެސް ލިބެ ފުރުސަތުތަކުގައި އޭނާ ތަފާތު ދައްކަ އެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް އަމާޒު ހިފާފައިވާ ޗެލްސީން ވަނީ ފްރާންސުގެ ޑިފެންސިވް މިޑްފީލްޑަރު ޓިމޯ ބަޔަކޯކޯ އާއި ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ ގެނެސްފަ އެވެ.