21 ޖުލައި 2017 - 07:37

އޮންލައިން ވިޔަފާރީގައި މަޝްހޫރުކަން ހޯދާފައިވާ އެމެޒޯން އިން ފޭސްބުކް މެސެންޖާ އާއި އެ ކުންފުނީގެ ވަޓްސްއެޕާ ވާދަކުރުމަށް މުޅިން އާ މެސެޖިން އެޕްލިކޭޝަނެއް ތައްޔާރުކުރަން ފަށައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެމެޒޯން އިން ތައްޔާރުކުރަން ފަށާފައިވާ މެސެޖިން އެޕްލިކޭޝަނަށް ކިޔަނީ "އެނީޓައިމް" އެވެ. އަދި އެ އެޕްލިކޭޝަން ތައްޔާރު ކުރުމަށް އެމެޒޯން އިން ސިލިކޯން ވެލީގެ ޓެކްނޮލޮޖީ ކުންފުންޏަކާ މިހާރު ހަވާލު ކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެމެޒޯން އިން އެޕްލިކޭޝަން ތައްޔާރުކުރަން ހަވާލުކޮށްފައި ވާއިރު، އެ ކުންފުނީގެ ކަސްޓަމަރުންގެ ހިޔާލު ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފަ އެވެ. ކަސްޓަމަރުންގެ ހިޔާލު ހޯދާއިރު އެންމެ ބޮޑަށް ބަލަނީ އެޕްލިކޭޝަންގައި ހުރުން އެންމެ މުހިންމީ ކޮން ބައިތަކެއްތޯ އެވެ.
އެނީޓައިމް މާކެޓަށް ނެރޭނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނާގޮތުގައި ވަރަށް އަވަހަށް އެ އެޕްލިކޭޝަން މާކެޓަށް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެމެޒޯން އިން ފަހަކަށް އައިސް މެދުއިރުމަތީގަައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މެދުއިރުމަތީގެ އެންމެ މަޝްހޫރު ވިޔަފާރި ވެބްސައިޓް ސޫކް.ކޮމް ވަރަށް ފަހުން ވަނީ 580 މިލިޔަން ޑޮލަރަށް ގަނެފަ އެވެ.