އެކްޓަރު ސީތާރާމް ޕަންޗަލްގެ ކިޑްނީއަށް ކެންސަރު ޖެހިއްޖެ
އެކްޓަރު ސީތާރާމް ޕަންޗަލްގެ ކިޑްނީއަށް ކެންސަރު ޖެހިއްޖެ

ވަރަށް ގިނަ ފިލްމުތަކުގައި ސައިޑް ރޯލުތައް ކުޅެފައިވާ އެކްޓަރު ސީތާރާމް ޕަންޗަލް އަށް ކެންސަރު ޖެހި އޭނާގެ ހާލަތު ވަރަށް ގޯސްވެއްޖެ އެވެ.

އެކްޓަރު ސީތާރާމް ޕަންޗަލްގެ ކިޑްނީއަށް ކެންސަރު ޖެހިއްޖެ
އެކްޓަރު ސީތާރާމް ޕަންޗަލްގެ ކިޑްނީއަށް ކެންސަރު ޖެހިއްޖެ

އަކްޝޭ ކުމާރާ އެކު "ޖޮލީ އެލްއެލްބީ" ގައި އަދި އިރްފާން ޚާނާ އެކު "ޕާން ސިންގް ތޯމަރު" ގައި ވެސް ބައިވެރިވި ސީތާރާމް ހިންދުސްތާން ޓައިމްސް އާ ވާހަކަ ދައްކަމުން ބުނީ ސީތާރާމް އަށް ކެންސަރު ޖެހިފައިވާކަން އެނގުނުތާ ތިން އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. ނަމަވެސް އެ ބައްޔާ ހަނގުރާމަ ކުރަމުން ވެސް އެކްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ކާންބޯންކުރާ މަސައްކަތްކަމަށް ވާތީ އެ ނޫން ގޮތެއް ނެތިގެން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިދިޔަ 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ސީތާރާމްގެ ހާލު މާ ބޮޑަށް ގޯސްވެ މިހާރު އެނދުންވެސް ނުތެދުވެވޭ ވަރަށް ވަނީ ބަލިވެފަ އެވެ.

ކެންސަރު ޖެހުނުކަން އެނގުނު ހިސާބުން ސީތާރާމް ހޯދަން ފެށީ އަޔުރްވެދިކް ފަރުވާ އެވެ. ނަމަވެސް މި ފަރުވާ އިން ބަލި ގޯސްވެ ހާލަތު މިހާ ބޮޑަށް ދަށްވުމުން މިހާރު އެ ފަރުވާ ހުއްޓާލައިފިކަމަށް ވެސް އޭނާގެ އަންހެނުން ބުންޏެވެ.

ސީތާރާމް ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ފިލްމު އިންޑަސްޓްރީގެ މީހުންގެ ކިބައިން އޭނާއަށް އެހީވެދިނުމަށް އެދި އާދޭސްކޮށް މެސެޖެއް ލިޔެފަ އެވެ. މި މެސެޖު ފެނިގެން ވަރަށް ގިނަ ފަންނާނުން ސީތާރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި އޭނާ ނިސްބަތްވާ ހަރްޔާނާ ސްޓޭޓްގެ ސަރުކާރުން ވެސް އޭނާއަށް ފަސް ލައްކަ ރުޕީސް ދީފައިވެ އެވެ.

ސީތާރާމް ވަނީ "ބެންޑިތު ކުއީން"، "ސްލަމްޑޯގް މިލިނަޔާ"، "ޕީޕްލީ ލައިވް" އަދި "ދަ ލެޖެންޑް އޮފް ބަގަތު ސިންގް" ގައި ވެސް ފާހަގަ ކޮށްލެވޭ ބައިތަކެއް ކުޅެފަ އެވެ.