25 ޖޫން 2016 - 11:03

އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމްގެ އަލީއަށް އިންސާފު ހޯދައިދޭން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަަމަށް އެމްޑީޕީން ތުހުމަތު ކޮށްފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި މަރަށް ހުކުމް ކޮށްފައިވާ ހުސެން ހުމާމް އަހުމަދަށް މަރުގެ އަދަބު ދޭން ބޭނުން ނުވާ ކަމަށް އަފްރާޝީމްގެ ވާރިސުން ބުނެފައި އޮއްވާ، އޭނާ މަރާލުމަށް ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވަނީ އަފްރާޝީމްގެ ގަތުލުގެ ހަގީގަތް ފޮރުވުމަށް ކަމަށެވެ.
އަދި ބައިގަރުނު ވަންދެން ގާއިމުނުކޮށް އޮތް މަރުގެ އަދަބު ދިނުން، ވާރިސުން ބޭނުން ނުވާއިރު ވެސް މަރުގެ އަދަބު ދޭން ސަރުކާރަށާއި ސުޕްރީމު ކޯޓަށް އެހާ މުހިއްމު ވުމަކީ އެ މައްސަލައާ މެދު ރައްޔިތުންގެ ޝައްކުތަކާއި ކަންބޮޑުވުން އިތުރުވި ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އަފްރާޝީމުގެ މަރުގެ ތަހުގީގުގައި އާއި ހުމާމުގެ ޝަރީއަތުގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުރުމުން މަރުގެ ހުކުމް ތަންފީޒު ނުކޮށް، އެ ހުކުމް އަލުން މުރާޖައާކޮށް ބަދަލު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
ހުމާމްގެ ކިބައިން މަރަށް މަރު ހިފަން މިވަގުތު ބޭނުން ނުވާ ކަމަށް ބުނެ އަފްރާޝީމްގެ ދެ ވާރިސަކު ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިޔަސް އެ ސިޓީ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.
ވާރިސުން ބުނެފައިވަނީ ހުމާމަށް އަދަބު ދޭން ޖެހޭނީ އެކަމުގައި ބައިވެރިވާ އެހެން މީހުން ހޯދާފައި ކަމަށެވެ.