20 ޖުލައި 2017 - 00:44

މާލޭގައި މިރޭ ދެ މާރާމާރީއެއް ހިންގައި، ދެ މީހަކު ތޫނު އެއްޗަކުން ހަމަލާދީފި އެވެ.
ފުލުހުން ބުނީ ވިލިމާލޭ ފެރީޓާމިނަލް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނިކޮށް، އޭގެ އިރުކޮޅެއް ފަހުން އެލްސިއޯން ބޭކަރީ ކައިރިން އިތުރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަނިޔާ ލިބުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަ ފުލުހުން ބުންޏެވެ. އެކަމަކު އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.
"އެ މައްސަލަ ބަލަމުންދަނީ. އިތުރު ތަފްސީލެއް މިވަގުތު ދެވޭކަށް ނެތް" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ދެ މާރާމާރީއާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ވަނީ އެކަމުގައި ބައިވެރިވި މީހުން ހޯދައި، އަމާންކަން ގާއިމް ކުރުމަށްޓަކައި، ތުހުމަތު ކުރެވޭ މީހުންނާ ސުވާލުކޮށް، ތަންތަން ބަލައި ފާސްކުރާނެ ކަމަށެވެ.