ގޭމް ޕްލޭން ބަދަލުކޮށްގެން ވެސް މަސައްކަތް ކުރެވިދާނެ: އަލީ ހުސެއިން
ގޭމް ޕްލޭން ބަދަލުކޮށްގެން ވެސް މަސައްކަތް ކުރެވިދާނެ: އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމައި، ގާނޫނުއަސާސީއާ ޚިލާފަށް ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ "ގޭމް ޕްލޭން" ބަދަލުކޮށްގެން ވެސް މިހާރު ރައްޔިތުންނަށް ޚިދުމަތް ދެވިދާނެ ކަމަށް، މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ މެމްބަރު އަލީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އަބަދު އެއްގޮތަކަށް ކަންތައް ކުރާނެ ކަމަށް ރައީސް ޔާމީން ހީފުޅު ކުރައްވައިގެން ނުވާނެ އެވެ. އަދި ފޮށިން ބޭރުން ވެސް ވިސްނަން އިދިކޮޅު ފަރާތްތަކަށް އެނގޭނެ ކަމަށާއި ކުރާނެ ކަންކަން މިހާރު އަންނަނީ ރާވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ގާނޫނުތައް ބަދަލުކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތްތައް ދޭން ފެށިދާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސަށް ދަންނަވާލަން ބޭނުން ވަނީ މަސްވެރިން މިހާރު އެންދަމާކަށް ފަރުފަރަކަށް ނުދެއޭ. މަސްވެރިން މިހާރު އާއްމުކޮށް އެންދަމަނީ ގިރިގިރިންނާއި މާކަނޑުންނޭ. މި ދަންނަވާ ވާހަކަ އަކީ އަޅުގަނޑުމެން ވެސް އަބަދު އެއްގޮތަކަށް ކަންތައްތައް ކުރާނެ ކަމަށް މަނިކުފާނު ހީފުޅު ނުކުރައްވައްޗޭ...އަޅުގަނޑުމެންނަށް ވެސް ކުޅެން އެނގެއޭ،" އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ގައުމުގައި ޖަރީމާތަކާއި ލޭއޮހޮރުންވުންތައް އިދިކޮޅު ފަރާތްތަކަކުން ނުހިންގާނެ އެވެ. އެކަމަކު ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ދުސްތޫރީ އަދި ގާނޫނީ އިމުގެ ތެރެއިން، އިންސާނީ ބުއްދި ގަބޫލު ކުރާ ހަމަތަކުގެ މަތިން ކަމަށް ވިދާޅުވި އެވެ.

ޕާޓީން ވަކިވެ ވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ސުޕްރީމު ކޯޓުން ނެރުނު އަމުރަށް ރިއާޔަތްކޮށް އޭނާ ވިދާޅުވީ ރައީސް "ޔާމީން ހުކުމް ވިދާޅުވީ ކާލާއަށް" ކަމަށެވެ.

"ބިބީ އާއި ބައިސާއާ ޣުލާމު ހުރި ނަމަވެސް އެންމެ ފަހަށް ބާއްވާފައި އޮތީ ކާލާ މަންނަ. އެހެން ހުއްޓާ ރައީސް ކުޅުއްވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އަތްބައިން ކާލާ މަންނަ ފުންމާލައިފި." ގޮނޑި ގެއްލޭނެ ކަމަށް ބުނެ ސުޕްރީމު ކޯޓުން ނެރުނު ހުކުމަކީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް ބުނެ ސުޕްރީމު ކޯޓުން ފަހުން ނެރުނު އަމުރަށް ނިސްބަތް ކުރައްވައި އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނުކަން ރައީސުލްޖުމްހޫރިއްޔާ އަށް އަދި އިލެކްޝަންސް ކޮމިޝަނަށް ވެސް ކަނޑަނޭޅޭނެ ކަމަށާއި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމޭނީ ސުޕްރީމު ކޯޓަށް ކަމަށެވެ. އެހެންވެ، ރައީސް ޔާމީން މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ މެމްބަރުންނަށް ބިރު ދައްކަވަން ކަމަށާއި އެކަމަކު "ޕެޕާސްޕްރޭ ޖެހިޔަސް ހައްޔަރުކުރިޔަސް މިހާރު ފަހަތަށް ނުޖެހޭނެކަން" އެ މަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.