ސިޔާސީ ބޭނުމުގައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓުވަންޖެހޭ: މައުމޫން
ސިޔާސީ ބޭނުމުގައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓުވަންޖެހޭ: މައުމޫން

ސިޔާސީ މަގުސަދުތައް ހާސިލް ކުރަން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓުވަންޖެހޭ ކަމަށް ކުރީގެެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަކީ ޑިމޮކްރަސީއާ ދެކޮޅަށް ހިންގޭ ކުށެއް ކަމަށާއި އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

މައުމޫން އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް، އެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދިއެއް ނުފަށަ އެވެ.

މީގެ ކުރިން މައުމޫން ވަނީ މަޖިލީހުގެ މެމްބަރުން އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަން ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ވެސް ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ.