19 ޖުލައި 2017 - 18:30

ރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުއްޓުވުމަށް ހަރުދަނާ ގޮތެއްގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަުލުވުމެއްގައި ވާހަކަ ދައްކަވަމުން ޓީއެމްގެ އެގްޒެކެޓިވް ޑިރެކްޓަރު މަރިޔަމް ޝިއުނާ ވިދާޅުވީ، ކޮރަޕްޝަންގެ އަމަލު ހިންގާ މީހުން ހުއްޓުވާނެ ކަމުގެ ވާހަކަތައް އެކި މުނާސަބަތުތަކާއި ފޯރަމްތަކުގައި ސަރުކާރުގެ އިސްވެރިން ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދައްކަނީ ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތުގައި ނޫން ކަމަށާއި އަމަލުން އެކަން ނުފެންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝިއުނާ ވިދާޅުވީ މިދިޔަ ދެ ތިން އަހަރުގެ ތެރޭގައި ކޮރަޕްޝަނާ ގުޅޭގޮތުން ކަންބޮޑުުވާ ވަރުގެ ވާހަކަތައް ސިޔާސީ ބޭފުޅުން ދައްކާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު، ކޮރަޕްޝަނަކީ ވަރަށް އާދައިގެ ކަމެއް ކަމަށާއި އެއީ މާ ބޮޑު މައްސަލައެއް ކަމަށް ރައްޔިތުން ބަލައިގަންނަން ނުޖެހޭނެ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.
"ކޮރަޕްޝަން ހުއްޓުވުމަށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރާނަމަ އަަޅުގަނޑުމެންނަށް މިހާރު މި ފެންނަ އަދި އަޑުއިވޭ ދައުލަތުގެ އެންމެ މަތީ ފަންތީގައި ހިންގާ ކޮރަޕްޝަން މިހާރަށް ވުރެ މަދުވާނެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ހުރި ނިޒާމްތައް މިހާރަށް ވުރެ ހަރުދަނާ ވެގެންދާނެ،" ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ 10 އަހަރުގެ ތެރޭގައި ކޮރަޕްޝަނާ ގުޅޭ އެކި މައްސަލަތައް ޓްރާންސްޕޭރެންސީއަށް ހުށަހެޅި އެވެ. ނަމަވެސް އެއްވެސް ކަމެއް ބަލައިގެންފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަކީ ހަމަ އެކަނި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނުތައް ހަދައި އެންމެންނަށް ހަމަހަމަކަމާއެކު އެ ގާނޫނު ތަންފީޒުވާންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ކުރީގެ ނައިބު ރައީސް އަދި ޓީއެމްގެ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަތައް ދައްކަނީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަަށް ދެކޭ ކަމަށެވެ. ނަމަވެސް އެއީ ވަކި މަގުސަދެއް ހާސިލްކުރުމުގެ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަން ނައްތާލުމަށް މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމާއި އެއީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.