25 ޖޫން 2016 - 12:47

ވެޓެރަންސް ކަޕްގައި މިދިޔަ ބުރާސްފަތި ދުވަހު، ކުރިއަށް ނުގެންދެވިގެން ހުއްޓާލި ބީޖީ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ މެޗުން ވެލެންސިއާ މޮޅުވި ކަމަށް ނިންމައިފި އެވެ.
އެ މެޗު ހުއްޓާލަން ޖެހުނީ މެޗުގެ 28 ވަނަ މިނިޓްގައި ބީޖީގެ ކުޅުންތެރިއަކު އެ ޓީމުގެ އޭރިއާ ތެރެއިން ވެލެންސިއާ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ދިނުމުން ބީޖީން މެޗު ކުރިއަށް ގެންދަން ބޭނުން ނުވުމުންނެވެ.
މުބާރާތުގެ އިންތިޒާމް ކޮމިޓީން މި މައްސަަލަ ބެލުމަށް ފަހު ނިންމީ ވެލެންސިއާ 2-0 އިން މޮޅުވީ ކަމަށެވެ. މި ނަތީޖާއާ އެކު ވެލެންސިއާ އަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ޔަގީންވެފަ އެވެ.
ވެލެންސިއާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައިފަ އެވެ.
ކޮންމެ ރޯދަ މަހަކު ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ މި މުބާރާތް މި ފަހަރު އިންތިޒާމްކުރަނީ ސޮކަ މޭޓްސް އިންނެވެ. ސޮކަ މޭޓްސް އިން ވަނީ މި ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 20،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފަ އެވެ. އަދި ރަނަރަޕް ޓީމަށް 7000ރ ދޭއިރު، ފެއާ ޕްލޭ ޓީމަށް 5000ރ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ ސްޕޯޓްސް އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.