މިހާރު 30: ދާނިޔާ
މިހާރު 30: ދާނިޔާ

(އިއްޔެގެ އަދަދާ ގުޅޭ)
ސ. ހިތަދޫ ރަނިން ހަނާ ފެންގަނޑުގެ ހުޅަނގުން ރުއްގަނޑު ތެރޭގައި ކުދިވެރިން ކުޅެން ހަދާފައި ހުރި ކުޑަ ފަން ގެގަނޑެވެ. ހައްޖު މަހުގެ 15 ވިލޭރޭގެ ހަނދު މެދު ޖެހުނު ވަގުތު ތައްޚާނުބެ އެ ކިޔެވެލި ކިޔަވަން ފެށީ އިދުރީސް ބޭ އާދޭސްކޮށް ކުރު ނުކޮށްގެންނެވެ. އެ ތަނުގައި އެ ކިޔެވެލި ކިޔަވާތާ މިރޭ ސާޅީސް ވީ އެވެ.

އެންމެ ފަހުގެ ކިޔެވެލި ނިމުނު އިރު މެންދަމުން އަލިވެ 3:30 ވަނީ އެވެ. އައްސާފައި އިން ހުދު ހާ ހިފައިގެން ދެ މީހުން ނުކުތީ ރަށުގެ ހުޅަނގު ފަރާތު ފުއްޓަރަށެވެ. ކަކޫތާފެނަށް އެރި ގިބްލަ އަށް ފުރަގަސް ދީގެން ދެ މީހުން ރޯ ބަރަހަނާ އަށް ތިބެ ހާ ކަތިލަން ތައްޔާރުވި އިރު، އުޑުމަތި ދިޔައީ ބަނަވަމުން ވައި ބާރުވަމުންނެވެ. ތައްޚާނުބޭގެ އަތުގައި އޮތް ތޫނު ފިޔޮހި ހާލުގެ ކަރުގައި ހިންގައިލުމުން ޖެހި ފުރަތަމަ ލޭ ތިއްކާ އެކު ޖެހި ބާރު ގުގުރިން ދެ މީހުން ވެސް ސިހިގެން ދިޔަ އެވެ.

ތައްޚާނުބެ އެއްގަމަށް އަރަމުން ބުންޏެވެ؛ "މިކަން މި ނިމުނީ، ދެން އޮތީ އެ ސޮރު މި ރަށަށް ގެނެވޭނެ ގޮތެއް ހެދުން. އެ ސޮރު މިހާރު ހުންނާނީ އިދުރީސްމެންގެ ފުރިހަމަ ބާރުގެ ދަށުގައި. މި ރަށަށް ގެނެސްފައި ކައިވެނީގެ ކަންތައް ކުރިއަށް ގެންދަންވީމާ މަށަށް އަންގާލާ. އެ ސޮރު ކައިރި އަށް ދާއިރު އެއްކަލަ ކަށިމާ ގެންދަން ހަނދާންކުރާތީ."

*****

މާޒިން ވޭންގައި ހަމަޖެހިލައި ކުޑަދޮރު ބަންދުކޮށްލުމާ އެކު، ނޭފަތުގައި ޖެހުނީ ކަށިމަލުގެ މީރު ވަހެވެ. ހާދަ ފޮނިފޮނި ވަހެއް ދުވާ އެއާ ފްރެޝްނާއެކޭ ބުނަން މާޒިން ހިތަށް އެރި އެވެ. ނަމަވެސް ދުލަށް އެ ބާރެއް ނުލިބުނެވެ. ކުރިމަތިން ފެންނަ މަންޒަރުތައް އެކުވާން ފެށި އެވެ. ކުޑަ ދޮރުން ބޭރު ބަލަން ބޭނުންވިޔަސް ލޮލަށް ދިޔައީ ބަރުވަމުންނެވެ.

މެންދުރުގެ ދިލަ ހޫނުގެ ސަބަބުން މުޅިން ފަޅުވެފައި އޮތް ތުނޑީ ބަނދަރަށް ވޭން ގޮސް މަޑުކޮށްލި އެވެ. ނިދިޖެހި ދެބަދޭތެރޭގައި އިން މާޒިން، ތިން މީހަކު އަތުލަފި ކޮށްގެން ނެރެ ލޯންޗަށް އެރުވުމާ އެކު، ތުނޑީ ބަނދަރުން ލޯންޗު ނުކުމެ އިސްދޫކަލައިދު އަށް މިސްރާބު ޖެހި އެވެ.

އެ ދުވަހުގެ ދެ ނަމާދު ދެމެދު ވަގުތެވެ. މާޒިން އޮތީ އިސްދޫ ސިއްހީ މަރުކަޒާ އިންވެގެން ހުރި ގެއެއްގެ ކޮޓަރިއެއްގަ އެވެ. މޫނު ފިޔަވައި މުޅި ހަށިގަނޑު އޮތީ ހުދު ފޮތިގަނޑަކުން ނިވާކޮށްފަ އެވެ. އެތާ ތިބި 15 މީހުންގެ ކިޔެވުމުގެ އަޑު ނޫން އެހެން އަޑެއް ކޮޓަރިއަކުން ނެތެވެ. މާޒިންގެ ބޯލާކޮޅުގައި އިން ކަންވެރިޔާ އާދަމްފުޅު ގަޑި ބަލައިލުމަށް ފަހު އޭނާގެ ޖީބުން ފޯނު ނަގައި ފޯނެއް ކުރި އެވެ.

"މިހާރު ތިން ގަޑިއިރު ކިޔެވުނީ. ދެން އޮތީ ތައްޚާނުބޭ ބުނުއްވާ ކަމަކަށް ފެށުން،" ވައި އަޑަކުން ވާހަކަ ދައްކަމުން އާދަމްފުޅު ބުންޏެވެ.

އެއަށް ފަހު، "ލައްބަ، ލައްބަ" އޭ ބުނެ ފޯނު ބޭއްވި އެވެ. އާދަމްފުޅުގެ އިޝާރާތަށް އެންމެންގެ ކިޔެވުން ހުއްޓައިލުމުން، ޖީބުން ހުދު ރުމާލެއް ނަގައި ހިމަދިގުކޮށް ފަތް ޖަހައިލި އެވެ. މާޒިންގެ ނިތްކުރިމަތީގައި ބާއްވައި އާދަމްފުޅުގެ ވާތު ބޮޑުވައި އިނގިލި ޖައްސައިގެން އިނދެ ކިޔަވަން ފެށި އެވެ.

ނޫރާނީ ޙިރުޒު ނިންމައި، ވައްޟުޙާ ފަށައިގެން ގޮސް ގަދްރި ސޫރަތުގެ ރޫޙަ ވަޅަށް ހުއްޓުމަށް ފަހު، މާޒިންގެ ނިތްމަތީ އޮތް ރުމާ ނަގައި ފިސާރި ބާރަށް ފޮޅައިލި އެވެ. އެއާ އެކު މާޒިންގެ ހަތަރެސްފަޔަށް ލުއި ހަރަކާތްތަކެއް އަންނަން ފެށި އެވެ. އާދަމްފުޅުގެ އިޝާރާތަށް، ކޮޓަރީގައި ތިބި އެންމެން ނުކުތުމުން މާޒިންގެ ގައިމަތީގައި އޮތް ފޮތިގަނޑު ހިފައިގެން އާދަމްފުޅު ވެސް ކޮޓަރިން ނުކުތެވެ.

ކޮޓަރީގެ ބޭރުގައި ސާދުނާގެ އަތަށް ހުދު ފޮތިގަނޑު ދެމުން އާދަމްފުޅު ބުންޏެވެ؛ "މި ފޮތިގަނޑު ކަލޭގެ އަތުން އޭނަގެ ގައިމަތީގައި އަޅާލާ. އޭނާ ލޯ ހުޅުވައިލާ އިރު ފެންނަ ހިސާބުގައި އެނދުގެ މަގަތުގައި އިށީނދެގެން އިނދޭ. އޭނަ އިސްވެ ސާދުނާ އަށް ގޮވައިލާނެ. އޭގެ ކުރިން ވާހަކަ ނުދައްކާތި. އޭނާ އިސްވެ ކަލޭ ގައިގައި އަތްލުމުގެ ކުރިން އޭނާގެ ގައިގައި ބީހިލައިގެން ވެސް ނުވާނެ."

ސާދުނާ ފޮތިގަނޑު ހިފައިގެން ކޮޓަރި އަށް ވަތް އިރު، މާޒިން އޮތީ ދެ ލޯ މަރާލައިގެން އުޑުތިލަމަތިންނެވެ. ގޮޅި ޖެހި ބޮކްސާ ފިޔަވައި އެހެން އެއްޗެއް އޭނާގެ ގަޔަކު ނެތެވެ. އާދަމްފުޅު ބުނި ގޮތަށް ހުދު ފޮތިގަނޑު އަޅައި މާޒިންގެ ހަށިގަނޑު ނިވާކޮށްލި އެވެ.

ސާދުނާ ކޮޓަރީގެ ދޮރު ލެއްޕުމާ އެކު، އާދަމްފުޅު އެ ގެ އިން ނުކުންނަން ހިނގައިގަންނަމުން ކޮޓަރީ ދޮރުކަންޏަށް ޖަހާފައި ހުރި މަސްދަތް ފިޔޮހި ލުހެލި އެވެ.

މާޒިން ލޯ ހުޅުވައި ބަލައިލި އެވެ. ކައިރީގައި އިނީ ސްކޫލް ދައުރުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. ސާދޫއޭ ކިޔައި ގޮވައިލަމުން ސާދުނާގެ ވާތު އިނގިލިތަކުގައި ހިފައިލި އެވެ. މާޒިންގެ އިނގިލިތަކުން ސާދުނާގެ އަތުގެ އިނގިލިތަކުގައި ވަކިވަކިން އަތް ހިންގައިލި އެވެ. "ކޮބާ އަހަރެން އިއްޔެ އެޅުވި އަނގޮޓި؟"

ސްކޫލް ނިމުނު ދުވަހު އަޅުވައިދިން އަނގޮޓީގެ ވާހަކަ އޭގެ ތިން އަހަރު ފަހުން މާޒިންގެ ދުލުން ބޭރުވީ އިއްޔެ ވީ ކަމެއްގެ ގޮތުގަ އެވެ. ސާދުނާ ވަކި ޖަވާބެއް ނުދީ އަލަމާރިން ތުވާއްޔެއް ނަގައި މާޒިން އަށް ދިއްކޮށްލަމުން ފާޚާނާގެ ބޮކި ދިއްލައިލި އެވެ. މާޒިން ތެދުވެ ތުވާލި އޮޅާލައިގެން ފާޚާނާ އަށް ވަނުމުން، ސާދުނާ ކޮޓަރިން ނުކުމެ ފޯނުން ބައްޕަ އަށް ގުޅި އެވެ. މާޒިންގެ އަމަލުތައް ކިޔައިދިނުމުން، ބައްޕަ އެންގީ ވީ އެންމެ އަވަހަކަށް އައްޑު އަށް ފުރުމަށެވެ.

*****

ކައިވެންޏަށް ފަސް އަހަރު ވީ އިރު ވެސް، އޭނާ ލޯބިވި މާޒިންއެއް ނުފެނުނެވެ. ސާދުނާ ލޯބިވީ ވަރަށް އުފާވެރި ވަރަށް މަޖާ އަދި އެންމެންނާ ގުޅޭ މާޒިންއާ އެވެ. ނަމަވެސް ކައިވެނިކުރެވުނީ ގަބު މާޒިންއަކާ އެވެ. އުޅެން ބޭނުންވަނީ އެންމެންނާ ވަކިންނެވެ. ސާދުނާ ނޫން މީހަކާ ވާހަކަ ދައްކައި އުޅެން ޖެހިލުންވެ އެވެ. އަދި އަމުދުން ސާދުނާގެ ބައްޕަ އިދުރީސް ފެނުމުން މާޒިން އަށް ލިބެނީ މާ ބޮޑެތި އުނދަގޫތަކެކެވެ.

އެހެންކަމުން ބައްޕަގެ ވެސް އެދުމުގެ މަތިން ސާދުނާ އާއި މާޒިން، ހިތަދޫގައި ހުންނަ ބޮޑުބޭބެގެ ގެ އަށް ބަދަލުވި އެވެ. އެ ގޭގައި ސާދުނާގެ ދެމަފިރިން ނޫން މީހަކު ނޫޅެ އެވެ. ހަ މަސް ފާއިތުވެ ދިޔައިރު ވެސް މާޒިންގެ އުޅުމަށް ވަކި ބަދަލެއް ނާދެ އެވެ. އެހެންކަމުން ސައިކޭޓްރިސްޓުންގެ ލަފާގެ މަތިން، މާޒިން ގޮވައިގެން ރަށުގެ ކޮންމެވެސް ހިސާބަކަށް ހިނގާލަން ދިއުމަކީ މިހާރު ކޮންމެ ދުވަހެއްގެ ވެސް އާދައެކެވެ.

ނަމަވެސް މިއަދު މާޒިން ގޮވައިގެން ސާދުނާ ނުކުތީ ސައިކަލުގަ އެވެ. މާޒިން އިނީ ފުރަގަހުން ސާދުނާގެ ގައިގައި ބައްދާލައިގެންނެވެ. އީދިގަލި ކިޅި ކައިރިން ގޮސް ރަށުގެ ހުޅަނގު އުތުރު ކޮޅަށް މިސްރާބު ބަދަލުކޮށްލި އެވެ. ރުއްފާތަކުގެ ތެރެއިން ލާފައި އެންމެ އުތުރުކޮޅަށް ދެވުމުން ސައިކަލު މަޑުކޮށްފައި ދެމީހުން ފޭބި އެވެ. މާޒިންގެ އަތުގައި ހިފައިގެން އެކި ތަންތަން ކިޔައިދެމުން ސާދުނާ ދިޔައީ ބިޔަ ރާޅުތައް މުގުރާ ފުއްޓަރު ފަރާތަށެވެ. ދެ މީހުން އެކުގައި ތިބެ އިރު އޮއްސޭ މަންޒަރު ދެކިލުމަށެވެ. ނަމަވެސް އިރު އޮއްސޭނީ އަދި ބައިގަޑިއެއްހާ އިރު ފަހުންނެވެ.

ހޭޅިފަށުން ނުކުމެ ރާޅުފަށަށް ހިނގައިގަންނަމުން ސާދުނާގެ އަތުން މާޒިން ދޫކޮށްލި އެވެ. އަދި ފަޅުތެރޭ ހިކިފައި އޮތް އާނުގަނޑެއްގެ މައްޗަށް އަރައި އުޑަފައިން އިށީނދެ ފިސާރި ހަރުއަޑުން ވާހަކަ ދައްކަން ފެށި އެވެ؛ "ސާދުއަށް އެނގޭތަ. މިއީ އަހަރެން އުފަންވި ތަނޭ. މިތަނަށް މި އާދެވުނީ ކިތައް އަހަރު ފަހުން؟ އަހަންނަށް ނަން ކިޔަންވެގެން ބައްޕަ ހާ ކަތިލީ ވެސް މި ތަނުގައި ހުރެގެން. އާދެ ބަލަ، މިހިރީނު މިތާނގައި ލޭ ވެސް."

"މާޒިން! ކޮންމެހެން ޖޯކު ޖަހަން އުޅޭނެ ކަމެއް ނެތް. މި ކޮޅަށް އާދޭ. މީހުން ދަރިންނަށް ނަން ކިޔަން ކުކުޅުހާ ކަތިލަނީ ފުއްޓަރަށް އެރިގެންތަ؟ މިކޮޅަށް އާދޭ."

މާޒިންގެ ވާހަކަތަކުން ސާދުނާގެ ހިތުގައި ޒާތެއްގެ ބިރުވެރި ކަމެއް އުފެދުމުން، ސާދުނާ ބޭނުންވީ އެ ތަނުން އަވަހަށް ދާށެވެ. އިރު އޮއްސުމުގެ ކުރިން ގެއަށް ދިއުމަށްޓަކައި ބާރުބާރަށް ހިނގާފައި ގޮސް ސައިކަލަށް އަރައި ދުއްވައިލި އެވެ.

މެންދަމުން އަލިވެ ތިނެއް ޖަހަނިކޮށް، ސާދުނާ އަށް ހޭލެވުނީ މާ ބޮޑަށް ފިނިވެގެންނެވެ. އެހާ ބޮޑަށް ފިނިވަނީ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރީމަ އެވެ. ބޮކި ދިއްލައި ބަލައިލި އިރު، އެނދުގައި މާޒިންއެއް ނެތެވެ. ސާދުނާގެ ހިތް ތެޅެން ފެށި އެވެ. މިހާ ދަން ގަޑިއެއް ވީމާ ބޭރަށް ނުކުންނާކަށް ވެސް ނުކެރުނެވެ. ގޭގައި އިތުރު މީހަކު ވެސް ނޫޅޭތީ ފޯނު ނަގައި ބައްޕަ އަށް ގުޅި އެވެ. ބައްޕަގެ ފޯނު ނިއްވާލައިފައި އޮތް އިރު، މަންމަގެ ފޯނުން ޖަވާބެއް ނުދެ އެވެ.

ކުރު ސޯޓަކާއި ދޫ ޓީޝާޓެއްގައި ހުރި ސާދުނާ، ސިޓިން ރޫމަށް ނުކުތް އިރު އެ ތަނުގައި ވެސް މާޒިނެއް ނެތެވެ. މުޅި ގޭތެރެ ބެލުމަށް ފަހު، ފޯނުގެ ބައްތި ދިއްލާލައިގެން ގޯތި ތެރެއަށް ނުކުތް އިރު ސާދުނާ ބިރުން ތުރުތުރު އަޅަ އެވެ. އެއްވެސް އަލިކަމެއް ނެތް ގޯތިތެރޭގައި މާޒިން ހުއްޓިލައިގެން އެ ހުރީ އޮނު ފީންޏާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއްވެސް އަޑެއް ނީވުނަސް މާޒިންގެ ދެ އަތުގެ ހަރަކާތްތައް ހުރި ގޮތުން ކޮންމެވެސް މީހަކާ މުޚާތަބުކޮށް ވާހަކަ ދައްކަނިއްޔޭ ސާދުނާ އަށް ހީވި އެވެ.

"މާޒިން! މިތާ ކީއްކުރަނީ މި ގަޑީގައި؟" ތުރުތުރުއަޅާ އަޑަކުން ސާދުނާ ގޮވައިލި އެވެ. (ނުނިމޭ)