19 ޖުލައި 2017 - 14:17

މިހާރު ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގޭގެ ސީސިޓީވީގެ ކެމެރާގެ ރިކޯޑިން ސިސްޓަމް ނުވަތަ ޑީވީއާރު ފުލުހުން ދެންމެ ގެންގޮސްފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، މ. ސްނޯ ރޯޒްގައި ބަހައްޓާފައި ހުރި ސީސީޓީވީގެ ޑީވީއާރު ގެންދިޔައީ މީގެ އިރުކޮޅެއް ކުރިންނެވެ. ފުލުހުން އެ ގެ އަށް ވަދެ ޑީވީއާރު ގެންދިޔައިރު، ފާރިސްގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. މިއަދު ހެނދުނު 10:30 އިން ފެށިގެން ފާރިސް ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު އަދިވެސް ނުޖަހަ އެވެ.
ކޯޓުގެ އަމުރުގައިވާ ގޮތުން ޑީވީއާރު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ދީފައި ވަނީ 30 ދުވަހެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ބޭނުންވާ ސޮއި ހޯދުމަށް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ފާރިސް އިއްޔެ މެންދުރު ހައްޔަރުކުރުމުގެ ކުރިން ވަނީ އޭނާގެ އެޕާޓްމަންޓު ވެސް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވި ފާރިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފުލުހުން ކުރާ ތުހުމަތަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.